ށ. ބިލެތްފަހީގެ އެއާޕޯޓް ތަރައްގީކޮށް ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު އެއަތޮޅު ބިލެތްފަހީގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކަރުން ބިލެތްފަހީގައި އެއާޕޯޓު އަޅަން ނިންމާފައިވާ ކަމަށެވެ. އެހެންވީމާ ރައީސް ޔާމީންގެ ސަރުކާރުގައި ނިންމާފައިވާ ގޮތަށް ބިލެތްފަހީގައި އެއާޕޯޓު އަޅައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބިލެތްފައްސަކީ ބިމުގެ ގޮތުން ބަލައި މީހުން އަބާދު ކުރެވިދާނެ ރަށެއް ކަމަށާއި އެރަށަކީ ތަރައްގީގެ ބޮޑެތި މަޝްރޫއު ހިންގޭނެ ވަރުގެ ރަށެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ބިލެތްފައްސަކީވެސް ތަރައްގީގެ ހަބަކަށް ހެދިދާނެ ކަމަށާއި ބިލެތްފަހި ފަޅު ހިއްކާ އެއާޕޯޓް އަޅައި އެސަރަހައްދު ތަރައްގީ ކުރައްވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެއާޕޯޓާ އެކު އެ ސަރަހައްދަކީ އާބަން ޑިވެލެޕްމެންޓް ޒޯންއެއްގެ ގޮތަށް ތަރައްގީ ވެގެން ދާނެ ކަމަށެވެ.

ށ.ބިލެތްފަހީގައި މިއަދު ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން: ފޮޓޯ: ޕީޕީއެމް

"މި ރަށަކީ ތަރައްގީގެ އުންމީދު އޮތް ރަށެއް، މިހާރު ހައިމާކެއް ގެނެސް ފަށަން ކުލަވަރު ޖައްސާ ކަމަށް ވާހަކައެއް އަޑު އިވުނު. އެ އެއް ނޫން، އަޅުގަނޑުމެން ކަންކަން ކުރާނެ ގޮތަކީ. ރޭވިގެން ތަރުތީބުވެގެން މަސައްކަތް ފެށި އެގޮތަށް ގޮސް ނިންމައި ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ބިލެތްފަހީގައި އެއާޕޯޓު އަޅައިދޭނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު މިސަރުކާރުން އަންނަނީ ބިލެފަހީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންނެވެ.