ކެބިނެޓުގެ އެއްވެސް މަގާމަކަށް ހަމަޖައްސާނެ މީހަކު ނުނިންމާ ކަމަށާއި ޕޮލިސް ކޮމިޝަނަރަކަށް ގޭންގެއްގެ ލީޑަރަކު ހަމަޖައްސާފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި މިރޭ ށ. ފުނަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާގެ ކެބިނެޓުގެ މަގާމުތައް ބަހާފައިވާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ގޭންގެއްގެ ލީޑަރަކު ލާން ހަމަޖައްސާފައިވާ ކަމަށް އަޑުފަތުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ކެބިނެޓާއި ސަރުކާރުގެ އެއްވެސް މަގާމަކަށް އެއްވެސް މީހަކު އަދި ހަމަނުޖައްސާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެފަދަ ވާހަކަތައް ގަބޫލުނުކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ށ. ފުނަދޫގައި މިރޭ ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން

"އަޅުގަނޑު މިހާރު ނިންމާފަޔޯ ވަނީ ޕޮލިސް ކޮމިޝަނަރަކަށް ގޭންގު ލީޑަރަކު ލާން. އަޅުގަނޑާ ވަރަށް ބޮޑަށް ގުޅިފަޔޯ އޮތީ، ގޭންގުތަކާ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަނީ އޭނާއާ މެދު ނަފްރަތު އުފެއްދުމަށާއި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ. އަދި ސިޔާސީ މަސައްކަތުގައި ހިތްހަމަނުޖެހޭ ކަންކަމާއި ކުރިމަތިވާނެ ކަމަށާއި ވާދަވެރީން އެކި ގޮތްގޮތަށް ވާހަކަ ފަތުރާނެ ކަމަށާ އަދި އެކަންކަމަށް ރައްދުދޭކަށް ނެތް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.