ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓް ނުކުރާ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ޖަލްސާ ފަށާފައި ވަނީ 9:00 ގަ އެވެ. އެހެން ނަމަވެސް ޖަލްސާ ފަށަން ކޯރަމް ހަމަވާ ވަރަށް ތަޅުމުގައި މެމްބަރުން ނެތް ކަމަށް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަށް ފަހު ކޯރަމް ހަމަވޭތޯ ބައި ގަޑިއިރު މަޑުކުރެއްވި އެވެ. އަދި 9:30 ވީއިރު ވެސް ކޯރަމް ހަމަވާ ވަރަށް މެމްބަރުންނެއް ނެތެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގިނަ މެމްބަރުން މަޖިލީހުގެ ގޯތިތެރޭގައި ކުޑަ ދަށުގައި ތިއްބެވި ކަމަށެވެ. އަދި އެމެމްބަރުން ޖަލްސާއަށް ވަޑައިގެންނެވުމަށް އިއުތިރާޒް ކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ އަސްލަމް އަރިހުން އެކަން ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މިކަމާ ގުޅިގެން އަސްލަމް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރަން އެމްޑީޕީ އިން ނިންމާފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީ އިން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފައި ނުވާ ކަމަށް އަސްލަމް ވިދޅާުވި އެވެ.

މިއަދުގެ ޖަލްސާއަށް އިދިކޮޅު މެމްބަރުންނެއް ވެސް ނުވަދެ އެވެ. ޖަލްސާގައި އެވަގުތު ތިއްބެވީ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާ ފެށެނީ 22 މެންބަރުން ހާޒިރުވުމުންނެވެ.