ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހަށާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ބޮޑެތި ހުށަހެޅުންތަކެއް ހުށަހަޅުއްވައިފި އެވެ.

ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. އެއީ 101،581 ވޯޓެވެ. އަދި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު އެވެ. އެއީ 86،000 ވޯޓެވެ.

ޑރ. މުއިއްޒުއާއި ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން ވެސް ވަނީ ފާރިސްގެ ތާއީދު ހޯއްދެވުމަށް މިދިޔަ ހަފްތާގައި ފާރިސްއާ ބައްދަލުކުރައްވާފަ އެވެ.

ދެ ކެންޑިޑޭޓުން ތެރެއިން ކޮންމެސް އެއްކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ކުރިން ފާރިސްގެ ފަރާތުން އެބޭފުޅުންގެ ވެރިކަމުގައި ނިންމަންޖެހޭ ކަންތައްތައް ހިމެނޭ ގޮތަށް ގިނަ ކަންތައްތަކެއް ވަނީ ހުށަހަޅާފަ އެވެ.

އެގޮތުން އެއްވެސް ގައުމެއްގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި އުޅޭނަމަ އެކަން ސަބަބާއެކު ހާމަކުރުމާއި އުތުރު ތިލަފަޅުގެ އެއްބަސްވުމާއި ހަނިމާދޫ އެއާޕޯޓް އެގްރީމަންޓާއި އައްޑޫ ޕޮލިސް އެކަަޑަމީގެ އެގްރީމަންޓް މަޖިލީހާއި ހިއްސާ ކުރުމާއި ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރިކަން މޮރިޝަސް ސަރުކާރަށް އެންގުމާއި އޮޓްލޮސްގެ ނިންމުން އަލުން މުރާޖާ ކުރަން ހުށައެޅުމަށް ވަނީ އެދިފަ އެވެ.

މިކަންކަން ކުރުމަށް ވަކި ތާރީހުތަކެއް ވެސް ކަނޑައަޅަފައިވެ އެވެ.

މީގެ އިތުރުން މަޖިލީހުގައި އަންހެނުންގެ ނިސްބަތް އިތުރު ކުރުމަށްޓަކައި ކޯޓާއެއް ކަނޑައެޅުމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އިސްރަށްވެހިންނާއި ފަންނީ މީހުންނަށް މަޖިލިހަށް ކުރިމަތިލެވޭ ގޮތް ހެދުމަށްޓަކައި "ނޭޝަނަލް ކޮންސްޓިޓިއުޓަންސީ" ގޮނޑިތަކެއް ހާއްސަ ކުރުން ވެސް ހިމަނާފައިވެ އެވެ.

ފާރިސްގެ ހުށަހެޅުއްވުމުގެ ތެރޭގައި ކުރީގެ ރައީސް ޔާމީނަށް އިންސާފު ހޯދައި ދިނުމާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހޯދުމާއި ވެންޓިލޭޓަރު ގެނައުމުގައި ސަރުކާރަށް ގެއްލުނު ފައިސާ ހޯދުން ވެސް ހިމެނެ އެވެ.

ކޯލިޝަން ހެދުމާއި ގުޅޭގޮތުން އަދި ވަކި ގޮތެއް ފާރިސް އަދި ނުނިންމަވަ އެވެ. ފާރިސް ވިދާޅުވީ ފާރިސްގެ މި ހުށަހެޅުންތަކަށް ޖަވާބު ދެއްވުމަށް ދެ ކެންޑިޑޭޓުން ވެސް ވަގުތު ބޭނުންވާކަމަށް ވިދާޅުވުމުން ކޯލިޝަން ހެދުމާއި މެދު ގޮތެއް ނިންމުން ލަސްކޮށްލަން ނިންމާފައިވާ ކަމަށެެވެ.