ރިޔާސީ އިންތިހާބަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒަމު ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ޑިމޮކްރެޓްސް އަށް ހުށަހަޅައިފި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ހުށަހަޅުއްވާފަ އެވެ. އެގަރާރުގައި ބުނެފައިވަނީ ވެރިކަމުގެ ނިޒަމު ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޑިމޮކްރެޓްސް އިން ވަނީ ޕީޕީއެމްއާއި އެމްޑީޕީއާ އެކުވެސް މަޝްވަރާ ކޮށްފަ އެވެ. ނަމަވެސް ޑިމޮކްރެޓްސްގެ ހުށަހެޅުމަށް ޕީޕީއެމްއިން ތާއިދު ނުކުރަތީ އެ މަޝްވަރާތައްވަނީ ހުއްޓާލާފަ އެވެ. ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާ ކުރަނީ މިހާރު ހަމައެކަނި އެމްޑީޕީއާ އެކު އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމާ ގުޅޭ ގޮތުން ދަ ޑިމޮކްރެޓްސް ޕާޓީން ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރުން އެމްޑީޕީން ވަނީ އެއްބަސްވެފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ވެރިކަމުގެ ނިޒަމު ބަދަލު ކުރުމާ ގުޅޭގޮތުން އިންތިހާބުގެ ކުރިން ވޯޓެއް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ފަހު ފެންނަ ނުފެންނަ ވޯޓެއް ނެގިދަނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފަހުން ވޯޓު ނަގަން ޑިމޮކްރެޓްސް އަށް މިހާރު ހުށަހަޅަފައިވާ ކަމަށާއި އޭގެ ފަހުން ކޮންމެ ތާރިހެއްގައިވިޔަސް ވޯޓަށް އެހުން ރަނގަޅު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ ގަރާރު އަވަސް ކުރުމަށް އެމްޑީޕީން ވެސް ވަނީ މިހާރު އެއްބަސް ވެފަ އެވެ. އަދި މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ބަހުސް ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.