ރިޔާސީ އިންތިހާބަށް ފަހު ރާއްޖޭގެ ވެރިކަމުގެ ނިޒަމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެވަޑައިގެންފި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ފަހުން ނެގުމަށް އެމްޑީޕީންވެސް ވަނީ އެއްބަސްވެފަ އެވެ.

އެމަނިކުފަނުގެ ކެމްޕެއިނަށް މިއަދު ހަވީރު މާލޭގައި ދޮރުން ދޮރަށް ހިންގަވައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގެ ފަހުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް އެމަނިކުފާނަށް ވެސް އެއްބަސްވެވޭ ކަމަށެވެ. އަދި އެގޮތަށް އެއްބަސްވެފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން އެއީ އެހާ ޕްރެކްޓިކަލް ކަމަކަށް ނުވާނޭ ހިނގާށޭ ވޯޓަށް ފަހުގައި އެއާ ދޭތެރޭގައި ޑޭޓެއް ކަނޑައަޅަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ހުށަހަޅުއްވާފަ އެވެ. އެ ގަރާރުގައި ބުނެފައިވަނީ ވެރިކަމުގެ ނިޒަމު ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޑިމޮކްރެޓްސް އިން ވަނީ ޕީޕީއެމްއާއި އެމްޑީޕީއާ އެކުވެސް މަޝްވަރާ ކޮށްފަ އެވެ. ނަމަވެސް ޑިމޮކްރެޓްސްގެ ހުށަހެޅުމަށް ޕީޕީއެމްއިން ތާއިދު ނުކުރަތީ އެ މަޝްވަރާތައްވަނީ ހުއްޓާލާފަ އެވެ. ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާ ކުރަނީ މިހާރު ހަމައެކަނި އެމްޑީޕީއާ އެކު އެވެ.