އުފައްދަވާނީ އެޓޯލްސް މިނިސްޓްރީއެއް ނޫން ކަމަށާއި އެއީ ކައުންސިލްތައް ބާރުވެރިކުރުވުމަށް އުފައްދާ ހާއްސަ މިނިސްޓްރީއެއް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިދޭޓް ޑރ. މުހައްމަދު މުއިއްޒު ވިދޅާުވެއްޖެ އެވެ.
ސަންގު ޓީވީ އާއި ޗެނަލް13 ގުޅިގެން މިރޭ ގެނެސްދިން "އާސްކް މުއިއްޒު" ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމުގައި އަނެއްކާވެސް އެޓޯލްސް މިނިސްޓްރީއެއް ހަދާ ވާހަކަ ވާދަވެރި ސިޔާސި ފަރާތްތަކުން ދައްކަނީ ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ކައުންސިލްތަކަށް ހާއްސަ މިނިސްޓަރެއް އައްޔަން ކުރުމުގެ ބެނުމަކީ ހަރުދަނާ ގޮތެއްގައި ކައުންސިލްތަކުގެ ބެލެނި ވެރިފަރާތް ކަމަށްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ހިންގެވުން ކަމަށެވެ. އެއީ ކައުންސިލްތަކާއި މައި ސަރުކާރު ގުޅުވައިދޭ ފާލަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. ހަމައެކަނި ބޭނުމަކީ އެލްޖީއޭއަށް މިނިސްޓަރެއް އައްޔަން ކުރުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިހާރު ގާނޫނު އޮންނަ ގޮތުން ނަމަ އެލްޖީއޭ ހިންގަވަނީ ހޯމް މިނިސްޓަރު ކަމަށާއި އެހެންވީމާ ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ ވެސް ނުގެނެވޭ ކަމަށެވެ. އެލްޖީއޭ އަށް ހާއްސަ މިނިސްޓަރެއް ހަމަޖެއްސުމުން ސަރުކާރާއި ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިހާރު މިއޮތް ގޮތުން އެލްޖީއޭއަށް ދޭންވާ ސަޕޯޓް ސަރުކާރަށް ނުދެވޭ ފުލްޓައިމް މިނިސްޓަރަކު އެލްޖީއޭގެ މަގާމަށް ހުންނަން އަޅުގަނޑު ބޭނުންވަނީ. އެއްގޮތަކަށް ވެސް އެޓޯލްސް މިނިސްޓްރީއެއް ނޫން އުފައްދަނީ،" މުއިއްޒު ވިދާޅުވި އެވެ.
ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް ހަމަޖައްސަން މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމަނާފައި ވުމުން ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑު ކިޔައިފަ އެވެ. އަދި އެއީ ކައުންސިލްތަކުގެ ބާރުވެރިކަން އަތުލުމަށް ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ.