ސަރުކާރުން ކަންކަން ހާމަކުރުމުގެ ސިޔާސަތެއް ގެންގުޅެމުންދާ ކަމަށާއި އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި %39 ވޯޓު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. ޅޮއްސަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ ކަންކަން ހާމަކޮށްފި ނަމަ، މާ ބޮޑު ތަނުން ރައީސް ސޯލިހް ބަލިވާނެ ކަމަށެވެ.

"އެއީ އުތުރުތިލަފަޅުގެ އެއްބަސްވުން ހާމަކުރީމަ ކިހިނެއްތޯ ވާނީ؟ ހަނިމާދޫ އާ އެކީގައި ހެދިފައި އޮތް އެގްރީމަންޓް ހާމަ ކުރީމަ ކިހިނެއްތޯ ވާނީ؟ މިހެން ހުރި އެގްރީމަންޓް ހާމަކުރީމަ %39 ވެސް ނުލިބޭނެ،" އަދުރޭ ވިދާޅުވިއެވެ.

އެންމެ ގިނަ ވޯޓާއެކު މި މަހުގެ ފަހުކޮޅު ބާއްވާ ދެވަނަ ބުރުގައި ވާދަކުރައްވާނީ މުއިއްޒާއި ރައީސް ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް 86،161 ވޯޓު ލިބިވަޑައިގެންނެވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ މުއިއްޒެވެ. އަދި ނޮވެމްބަރު 17 ގައި އުފެދިގެން ދާނީ ރައްޔިތުންގެ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިންގެ ސަރުކާރެއް އުފެދިގެން ދާނީ. އޭރުން އަޅުގަނޑުމެން ހާމަ ކުރާނަން، އެމީހުން ހާމަ ކުރަން ހުރި ކަންތައް. އަޅުގަނޑުމެން ރައްޔިތުން ކުރިމައްޗަށް ގެންނާނަން އުތުރު ތިލަފުޅުގެ އެގްރީމަންޓް. ގޮތް ނޭނގޭ ހުރިހާ އެގްރީމަންޓެއް ރައްޔިތުން ކުރިމައްޗަށް ގެންނާނަން. ކައިފައި ހުރި ލާރި ކައިފައި ހުރީ ކިހިނެއްކަން އަޅުގަނޑުމެން ހާމަކޮށްދޭނަން،" އަދުރޭ ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަން ކުރާ މަސައްކަތަށް މާ ބޮޑު ސަމާލުކަމެއް ދޭން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.