ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާ ކުރުމުގައި މި ސަރުކާރު ހައްދުފަހަނަޅައި ގޮސްފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އަދުރޭ އެގޮތަށް ވިދާޅުވީ ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފްގެ އަޑުއެހުން ހައި ކޯޓުން މިއަދު ކެންސަލްކޮށްފައި ވަނިކޮށެވެ. ހައި ކޯޓުން ބުނީ އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން ކަމަށެވެ.

އަބްދުއްރަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް އަނިޔާ ކުރުމުގައި މި ސަރުކާރުން ހައްދުފަހަނަޅައި ގޮސްފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނަށް އަނިޔާކުރުމާއި ދިވެހި ރައްޔިތުން މިހާރު ދެކޮޅު ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

"އެކަން މި ވަނީ މި މަހުގެ 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ވަރަށް ސާފުކޮށް ފެންނަން. އިންޝާﷲ މި މަހުގެ 30 ވަނަ ދުވަހު އިބޫ ސޯލިހުގެ މި އަނިޔާވެރި ސަރުކާރު ނިންމަން ދިވެހި ރައްޔިތުން ތިއްބެވީ ތައްޔާރަށް،" އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާ އެކީގައި އަތޮޅު ތެރޭގައި ކެމްޕެއިންގައި މި ވަގުތު ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީންގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ މައްސަލާގައި އަޑުއެހުމެއް އެންމެ ފަހުން އޮތީ މި މަހުގެ 6 ވަނަ ދުވަހު އެވެ. އިސްތިއުނާފް ޝަރީއަތްތައް ލަސްވާތީ ޔާމީންގެ ވަކީލުންނާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ.

ވ. އާރަށް މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ވެސް ވަނީ ކޮށްފަ އެވެ. އެކަމަކު، ޖޫރިމަނާގެ ހުކުމުން މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ވަނީ ފަސްކޮށްދީފަ އެވެ.

އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ނިންމެވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ ހުކުމާ ގުޅިގެން ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވެސް ގެއްލުނެވެ.