ރަށުން ބޭރުގައި މަސައްކަތް ކުރާ ސުކޫލް ޕްރިންސިޕަލުންނަށް ދޭ އިނާޔަތް 7000 ރުފިޔާއަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ބޮޑުކުރައްވައިފި އެވެ.
ޕްރިންސިޕަލުންނަށް ދޭ އިނާޔަތް ބޮޑުކުރެއްވިކަން ރައީސް އިއުލާން ކުރެއްވީ މިރޭ ހުވަދޫ ޖަހާފައި ބޭއްވި ޖަލްސާގަ އެވެ. ރައީސް އެކަން އިއުލާން ކުރެއްވި އިރު ޕްރިންސިޕަލުންނަށް ދޭ އިނާޔަތް މިއަދު ފުރަތަމަ އެޑިއުކޭޝަން މިނިސްޓްރީއިން ބޮޑުކޮށްފައި ވަނީ 5000 ރުފިޔާއަށެވެ.
ރައީސް ވިދާޅުވީ ޕްރިންސިޕަލުންނަށް ދޭ އިނާޔަތް ބޮޑު ކުރީ ޕްރިންސިޕަލުންނަށް އެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ރަށުން ބޭރުގައި ތިބޭ ޕްރިންސިޕަލުންނަށް ދޭ އިނާޔަތަކީ އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ ރޫރަލް ޕްލިސީގެ ދަށުންދޭ އިނާޔަތެކެވެ.
މީގެއިތުން ރައީސް ވަނީ 65 އަހަރުން މަތީގެ މީހުންނަށްދޭ އިނާޔަތް ވެސް 7000 ރުފިޔާއަށް ބޮޑުކޮށްފައިވާކަން އިއުލާން ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ އުމުރުން ދުވަސްވި ވަރަށްގިނަ ބަޔަކާ ބައްދަލު ކުރެއްވި ކަމަށާ ކޮންމެ މީހެއްގެވެސް ޝަކުވާއަކީ 65 އަހަރު ވުމުން ދޭ އިނާޔަތް ދެކޮޅު ނުޖެހޭ ވާހަކަ ކަމަށެވެ.
ރައީސް ވިދާޅުވީ 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7000 ރުފިޔާ ދެން ލިބޭނެ ކަމަށެވެ.