ވެރިކަން ލިބިވަޑައިގެންފި ނަމަ އެކުލަވާލާ ކެބިނެޓުގައި ތިބޭނީ ތައުލީމީ، ގާބިލު، ތަޖުރިބާ ހުރި ގާބިލު ބޭފުޅުން ކަމަށާއި އެ ކެބިނެޓް ވެގެންދާނީ ދިވެހިން ފަހުރުވެރިވާ ފަދަ ކެބިނެޓަކަށް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާ އެކުލަވާލާ ކެބިނެޓްގައި ތިއްބަވާނީ ކަންކަން ކުރަން އެނގިވަޑައިގަންނަވާނެ، އިލްމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށެވެ. ކުންފުނިތަކުން މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި ވެސް ތިއްބަވާނީ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު މި އުޅެނީ ސަމާސާ ކުރާކަށް ނޫން، ސަކަރާތް ޖަހާކަށް ނޫން. ސީރިއަސް މަސައްކަތެއް ކުރަން ކުރިމަތިލައިގެން މި އުޅެނީ. ގައުމަށް ހެޔޮ ގޮތް ހޯދައިދޭން އިރާދަކުރެއްވިއްޔާ،" އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ.. ފޮޓޯ: ޕީޕީއެމް

މުއިއްޒު އިތުރަށް ވިދާޅުވީ އޭނާ ރިޔާސީ ރޭހަށް ނުކުމެ ހުންނެވީ ސީރިއަސް މަސައްކަތެއްކުރުމާ އެކު ގައުމަށް ހެޔޮގޮތް ހޯދައިދިނުމަށް ކަމަށެވެ. އަދި ހަގީގީ މާނައިގައި ނަތީޖާ ހުރިހާ ކަމެއްގައި ވެސް ހޯދައިދޭނެ ކަމަށާއި މި ވަގުތު އޭނާއާ އެކު ތިއްބެވީ އެފަދަ ޓީމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި ރައްޔިތުން ވެސް ސީރިއަސްކަމާ އެކު ގައުމާ މެދު ވިސްނުމަށް ފަހު އޭނާ އަށް ވޯޓު ދެއްވުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ

ރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި، ރާއްޖެ ތަރައްގީކުރުމަށް ދިގު ރާސްތާއަކަށް ވިސްނައި 20 އަހަރުގެ މާސްޓަޕްލޭނެއް ހައްދަވާނެ ކަމަށެވެ. އެ ޕްލޭންގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީކުރާ އިރު، ކުޅުދުއްފުއްޓަކީ ހާއްސަ އިސްކަމެއް ދީގެން، މައި މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރާނެ ތަނެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ.. ފޮޓޯ: ޕީޕީއެމް

މުއިއްޒު ރޭ ކުޅުދުއްފުށްޓަށް ވަޑައިގަތީ އިއްޔެ ބ. އަތޮޅުގައި ކެމްޕޭންގައި އުޅުއްވުމަށް ފަހު ޅ. މަޑިވަރަށް ވަޑައިގެން އެ އެއާޕޯޓުން ސީދާ ކުޅުދުއްފުށްޓަށެވެ. މަޑިވަރަށް ވަޑައިގެންނެވި ވަގުތު ކައިރީގައި އޮތް ނައިފަރަށް ވަގުތުކޮޅަކަށް މުއިއްޒު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރެއްވި އެވެ.