ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު އިތުރުކުރުމަށްޓަކައި މިއަދު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ދޮރުން ދޮރަށް ކެމްޕޭން ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.

އެމްޑީޕީން ބުނީ ރައީސް ސޯލިހަށް ތާއީދު ހޯދުމަށް ދޮރުން ދޮރަށް ހަރަކާތް އޮންނާނީ މިއަދު ހަވީރު ހަތަރަކުން ހަޔަކަށެވެ. މި ހަރަކާތް މުޅި ރާއްޖޭގައި ކުރިއަށްދާނެ ކަމަށް ވެސް އެޕާޓީން ބުނެ އެވެ.

ކެމްޕެއިން ޓީމުން ބުނީ އެމްޑީޕީއާ އަދާލަތު ޕާޓީއާ އެމްޑީއޭގެ އިސް ބޭފުޅުން މި ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް ސޯލިހް މިހާރު ގެންދަވަނީ ކޮންމެ ދުވަހަކު ހަވީރު މާލެ ސަރަހައްދުގައި ދޮރުން ދޮރަށް ހިންގަވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.