ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީގެ ސްޕެޝަލް އެޑްވައިޒަރު ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ޖޭޕީ ކައުންސިލްގެ އިސް ބައެއް ބޭފުޅުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދުކުރައްވައި، ޕީޕީއެމްއަށް ސޮއިކޮށްފި އެވެ.

ޖިހާދުއާއި ޖޭޕީގެ އިތުރު ބޭފުޅުންތަކެއް ޑރ. މުއިއްޒުއަށް ތާއިދުކުރައްވައި ޕީޕީއެމްއަށް ސޮއިކުރެއްވީ މިރޭ މުއިއްޒުގެ ކެމްޕެއިނުގެ ތެރެއިން ގިރާވަރުން ގޯތި ލިބުނު މީހުންނާ ބައްދަލުކުރަން ބޭއްވި ހަރަކާތުގެ ތެރެއިންނެވެ. ޖިހާދު އާއި މިސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހަސަން މުގުނީވެސް ޕީޕީއެމްއަށް ސޮއިކުރި އެވެ. މީގެ އިތުރުން ކުރިން ޕީޕީއެމްގައި ހުންނެވުމަށް ފަހު ޖޭޕީއާ ގުޅިވަޑައިގަތް ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ވެސްހިމެނެ އެވެ.

ޖުމްހޫރީ ޕާޓީއަށް ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބާ އެކު ޖޭޕީގެ ކައުންސިލްގެ ބައެއް ބޭފުޅުން ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞަލިހަށް ތާއިދު ކުރައްވަމުންނެވެ. އެގޮތުން ގާސިމްގެ ރަނިންމޭޓަކަށް ހުންނެވި ޑރ. އަމީން އިބްރާހީމްއާއި ޖޭޕީގެ ކައުންސިލްގެ ބައެއް ބޭފުޅުން ވަނީ މިރޭ ރައީސް ޞާލިހުއަށް ތާއިދު ކޮށްފަ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ލިބިވަޑައިގަތީ 5،000 އެއްހާ ވޯޓެވެ. އެއާ އެކު ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ވަނީ ޕާޓީން ވަކިވެފަ އެވެ. އަދި ރައީސް ސޯލިހަށް ތާއީދު ކުރަން ބައެއް ބޭފުޅުން ވަނީ ނިންމައިފަ އެވެ.