އުތުރު ތިލަފަޅަކީ ދިވެހި ސިފައިންގެ ބާރު ހިނގާ ތަނެއް ކަމަށް ސިފައިންގެ އިސްބޭފުޅުން ވިދާޅުވިޔަސް އެއީ ދިވެހި ސިފައިންގެ ބާރު ހިނގާ ތަނެއް ނޫން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ ގިރާވަރު ކޮމިއުނިޓީ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ގައުމަށް ދިމަވެފައިވާ ބޮޑެތި ކަންކަމުގައި ބަސްބުނެ އެކަންކަމަށް އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށެވެ. މިނިވަންކަން ގެއްލޭ ފަދަ ކަންކަމަށް ލޯމަރާލައިގެން ނުވާނެ ކަމަށަ އެކަންކަން މިހާރު ލޯ މަތިން ފެންނަމުން ދާކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިނިވަން ކަމަކީ ރައްޔިތުންގެ ލޯކުރިމަތީ ބީވެގެންދާ އެއްޗަކަށް ވެގެން ނުވާނެ ކަމަށާއި މިނިވަންކަން ހިމާޔަތް ކުރުމަށް ތެދުވަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ގައުމުގެ މިނިވަންކަމަށް ދިމާވެފައިވާ ކަންކަމާ ދެކޮޅާށް ތެދުވާން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ގައުމަށް ދިމާވެފައިވާ ބޮޑެތިކަންކަމަށް އެބަޖެހޭ އެކަތިގަނޑަކަށްވާން އަޅުގަނޑުމެންގެ ލޯމަރާލެވިގެން ނުވާނެ އަޅުގަނޑުމެންގެ ލޯ ކުރިމަތީގަ ހިނގަމުން މިދަނީ އަޅުގަނޑުމެންގެ މިނިވަންކަން އެއީ އަޅުގަނޑުމެންގެ ކުރިމަތީގައި ބީވެގެންދާއެއްޗަކަށް ވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން އުތުރުތިލަފަޅުގައި މިހާރުވެސް އެބަ ތިބިކަމަށާއި ސަރުކާރުން ކިތަންމެ ވަރަކަށް ދޮގު ހަދައިގެން އެވާހަކަ ދޮގު ކުރިއަސް އެއީ ރައްޔިތުން ގަބޫލު ކުރާނެ ވާހަކައެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ މިއަދުވެސް އުތުރު ތިލަފަޅަށް ދިވެހި ސިފައިން ދާން ޖެހެނީ އިންޑިއާ ސިފައިންގެ ހުއްދަ ނަގައިގެން ކަމަށެވެ. ސަރުކާރުން އެތަނަކީ ދިވެހި ސިފައިންގެ ތަނެއް ކަމަށް ބުނިކަމުގައި ވިޔަސް އެތަނަށް ދިވެހި ސިފައިންގެ ބާރު ނުހިނގާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެންމެ ކައިރިން މިއޮތް އުތުރު ތިލަފަޅަކީ އަޅުގަނޑުމެންގެ ބާރު ހިނގާ ތަނެއް ނޫން މިހާރު. އަޅުގަނޑުމެންގެ އެންމެ ފަހުރުވެރި މުއައްސަސާގެ ބޭފުޅުން އެވާހަކަ ވިދާޅުވިޔަސް، ހަގީގަތަކީ ސިފައިންގެ ބާރު ހިނގާ ތަނެއް ނޫން މިހާރަކު،" މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަން އޮތީ އެހެން ބައެއްގެ އަތް ދަށުގައި ކަމަށާ މިމަހުގެ 30 ވަނަ ދުވަހު ލާ ވޯޓަކީ މިނިވަން ކަމަށްލާ ވޯޓަކަށް ހެއްދެވުމަށް މުއިއްޒު ގޮވާލެއްވި އެވެ.