ދިވެހިންގެ މެދުގައިވެސް މަގުބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް" ގ ސީޒަން 17 އަންނަ މަހު 15 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޝޯ ގެނެސްދޭ ކަލާޒް ޓީވީން ބުނެފި އެވެ.

ކަލާޒް ޓީވީން މިހާރު އާންމުކޮށްފައިވާ ޕްރޮމޯގައި ފެންނަ ގޮތުގައި "ބިގް ބޮސް 17" ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރެ އެވެ. މިފަހަރުގެ ސީޒަންވެސް ހޯސްޓްކުރާނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އެވެ.

ކަލާޒް ޓީވީއިން އަންނަނީ މިޝޯގެ ޕްރޮމޯތަކެއް ތަފާތު ގޮތްގޮތަށް ސަލްމާނާ އެކީ އަންނަނީ ދައްކަމުންނެވެ.

"ބިގް ބޮސް 17" ފަށާ ތާރީހު އިއުލާންކުރި ނަމަވެސް މި ފަހަރުގެ ސީޒަންގައި ވާދަކުރާ ސެލެބްރިޓީންނަކީ ކޮބައި ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު ޝޯ އިން ފެންނާނެ ކަމަށް ބެލެވޭ އެކިއެކި ތަރިންގެ ވާހަކަތައް މީޑިއާތަކުގައި އަންނަނީ ދެކެވެމުންނެވެ. އެގޮތުން މިފަހަރުގެ ސީޒަންގައި ބައިވެރިވާނެ ކަމަށް ބެލެވޭ ފަންނާނުންގެ ތެރޭގައި އަންކިތާ ލޮޚާންޑޭ، ސަޗިން މީނާ، އަބިޝެކް މަލްހާން، އަދި ހަރްޝް ބެނިވާލް ފަދަ ބައެއް ފަންނާނުން ހިމެނެ އެވެ.

މި އަހަރުގެ ފެބްރުއަރީގައި ނިންމާލި "ބިގް ބޮސް 16" ކާމިޔާބުކުރީ ރެޕާ އެމްވީ ސްޓޭން އެވެ. އަދި މިދިޔަ މަހު ނިންމާލި "ބިގްބޮސް އޯޓީޓީ 2" ކާމިޔާބު ކުރީ މަޝްހޫރު ޔޫޓިއުބާ އެލްވިޝް ޔާދަވް އެވެ.

މިފަހަރުގެ ސީޒަންއަކީ ސަލްމާން ހޯސްޓްކުރާ 14 ވަނަ ސީޒަން އެވެ. މީގެ އިތުރުން މިދިޔަ މަހު ނިންމާލި "ބިގްބިސް އޯޓީޓީ 2" ވެސް ސަލްމާން ވަނީ ހޯސްޓްކޮށްފަ އެވެ.

އިންޑިއާގެ އެންމެ ކާމިޔާބު ރިއަލިޓީ ޝޯތަކުގެ ތެރޭގައި ހިމެނޭ "ބިގް ބޮސް" އަކީ 2006 އިން ފެށިގެން ގެނެސްދެމުން އަންނަ އެއްޗެކެވެ. މިއީ ނެދަލޭންޑްސްގެ ޝޯއެއް ކަމަށްވާ "ބިގް ބްރަދާ" ގެ އިންޑިއާގެ ވާޝަނެވެ.