އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް ރޭ ދަންވަރު އާއްމުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރާ ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު 282،803 މީހަކަށް ލިބިގެންވެ އެވެ. އިންތިޚާބުގެ ދެވަނަބުރަށް ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ފޯމުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލި 48 ގަޑިއިރުގެ ތެރޭގައި 361 ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށައަޅާފަ އެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓާ ކުރަން ހުށައެޅި ފޯމްތަކުގެ ތެރެއިން ސައްހަވީ 38،763 ފޯމެވެ. އަދި ސައްހަކަން ކަށަވަރު ނުވި 11،284 ފޯމުގެ ތެރޭގައި އެ މީހާއަށް ނޭނގި އެމީހާގެ ނަމުގައި ސައްހަ ނޫން ފޯމް ހުށައެޅުމުގެ ބައެއް ޝަކުވާ ލިބުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ދާއިމީ ލިސްޓު ޢާންމުކޮށްފައިވަނީ ޝަކުވާތައް ހައްލު ކުރުމަށްފަހު ކަމަށެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލާފައި ވަނީ 79.6 އިންސައްތަ މީހުންނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.