ހާރިޖީ ސިޔާސަތު ބައްޓަން ކުރާނީ ރާއްޖޭގެ މިނިވންކަން ޔަގީން ކުރެވޭގޮތަށް ހުރިހާ ގައުމަކާ ވެސް ގުޅުން ބަދަހިކޮށްގެން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ހުޅުމާލެ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހާރިޖީ ސިޔާސަތު ބައްޓަންކުރާނީ ދިވެހިރާއްޖޭގެ މިނިވަންކަން ޔަގީން ކުރެވޭ ގޮތަށް ކަމަށާއި މައިގަނޑު އަމާޒަކީ މިނިވަންކަން ޔަގީން ކުރުން ކަމަށެވެ.
ސިޔާދަތު ރައްކާތެރިކޮށް އޮތުމަކީ ކޮންމެ ގައުމެއްގެ ވެސް ހައްގެއް ކަމަށާއި އެ މަސައްކަތް ކުރާނީ އެއްވެސް ގައުމަކަށް ބަރޯސާ ނުވެ ހުރިހާ ގައުމަކާ ވެސް ގުޅުން ބާއްވައިގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހުން ފެށިގެން އެގޮތުގައި މަސައްކަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް ހަދާފައިވާ ހުރިހާ ކަމެއް ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ހައްލުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މިނިވަން ކަމަށް ބުރޭއަރާ ގޮތަށް އެއްވެސް ކަމެއް ކުރަންޏާ އެކަމަކަށް ނޫނެކޭ ބުނާނަން މި ގައުމުގެ މިނިވަން ކަމަށް ހުރަސް އެޅޭގޮތަށް ހުރި ހުރިހާ ކަމެއް ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން ހައްލުކުރަން. ހައްލުކޮށް މިގައުމަށް ހަމަޖެހުން ގެނެސްދޭނަން އަޅުގަނޑުގެ ހާރިޖީ ސިޔާސަތުގައި. އެއްވެސް ގައުމަކާ ދުޝްމަނެއް ނުވާނަން. އެއްވެސް ގައުމަކާ ދެކޮޅުވެރިކަކެމއް ނުބާއްވަން. އަޅުގަނޑުމެންގެ މިނިވަން ކަމަށް އިހުތިރާމް ކުރާ ބަޔަކާ ގާތް ގުޅުމެއް ބާއްވާނަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ގައުމުގައި ހަމަޖެހުމާއި ގައުމުގެ އިސްތިގުލާލު ދެމިއޮންނާނީ ކިޔަވައިގެން ނުކުންނަ ތައުލީމީ ޖީލެއް ބިނާކުރެވިގެން ކަމަށެވެ. ދަރީންގެ ހިތުގައި ގައުމީ ލޯބި އުފެއްދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ގައުމިއްޔަތު ވަކި މާއްދާއެއް ގޮތަށް މަންހަޖުގައި ހިމަނައިގެން ތަރުބިއްޔަތާއި އަހުލާގު ދަސްކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިހާރު ބޮޑެތިވަމުން އަންނަ ކުދީންގެ ހިތްތަކުގައި ގައުމީ ލޯބި އުފައްދަން ޖެހޭ ކަމަށެވެ.