ޖަވާބުދާރީވާން ނޭނގޭ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި ރައްޔިތުންނަށް ހާމަނުކުރެވޭ ވަރުގެ އެއްވެސް އެގްރިމަންޓެއް ނުހައްދަވާނެ ކަމަށާއި ސަރުކާރު ހިންގާނީ ދެފުއް ފެންނަ ގޮތަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިރޭ ލ. ގަމަށް ވަޑައިގެން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ސިއްރުން ކަންކަން ކުރައްވަން ނޫން ކަމަށެވެ. ސަރުކާރު ހިންގާނީ ދެފުއް ފެންނަ ގޮތެއްގައި ކަމަށާއި ސަރުކާރުގެ އެއްވެސް މަގާމެއްގައި ރައްޔިތުންނަށް ޖަވާބުދާރީ ނުވެވޭ މީހަކު ނުހުންނާނެ ކަމަށެވެ.

އޭނާގެ ސަރުކާރެއްގައި ރައްޔިތުންނަށް ޖަވާބުދާރީ ނުވެވޭ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި ކެބިނެޓުގައި ވެސް ތިއްބަވާނީ ކަންކަމުގައި ޖަވާބުދާރީވާން ދަންނަ ބޭފުޅުން ކަަަމަށް މުއިއްޒު ވިދާޅުވި އެވެ. ކެބިނެޓުގައި ތިއްބަވާނީ ފަސްބައި ސާފު ބޭފުޅުން ކަމަށާ ނޫސްވެރިންނަށާއި ރައްޔިތުންނަށް ސިއްރުން ކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް މުއިއްޒު ވިދޅާުވި އެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން އަމަލުކުރާހެން ރައްޔިތުންނަށް ހާމަކުރަންޖެހޭ އެގްރިމަންޓުތައް ރައްޔިތުން އެދޭ ނަމަ ހާމަކުރައްވާނެ ކަމަށެވެ.

"ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނަން. ރައްޔިތުންނަށް، ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅުނަކަ ނުދޭނަން. ރައްޔިތުންނަށް ފޮރުވައިގެން ކަމެއް ކުރާ ނަމަ، ހަމަޖެހުމެއް ނާންނާނެ،" މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ސިއްރުކުރަމުންދާ ކަމަށް ވދިާޅުވެ މުއިއްޒު ވިދޅާުވީ ސަރުކާރުން ނަގާ ލޯނެއްގެ މައުލޫމާތު ހޯދަން ވިޔަސް ދާން ޖެހެނީ ސުޕްރީމް ކޯޓަށް ކަމަށާއޖ ބްރިޖުގެ އެގްރިމެންޓުގެ މައުލޫމާތު ހޯދަން ބޭނުން ވިޔަސް ރާއްޖެ އެތެރެ ކުރާ ކާޑުގެ ބާވަތްތައް ނުލިބޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.