ރާއްޖެ އަށް ވަންނަ ޑޮލަރުގެ 30 އިންސައްތަ ރާއްޖޭގައި ހިފެހެއްޓިއްޖެ ނަމަ ޑޮލަރުގެ އަގު 15 ގައި ހިފެހެއްޓޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞޯލިހު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އައްޑު ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސް ވިދާޅުވީ ޑޮލަރުގެ ދަތިކަމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެކަން ހައްލު ކުރުމަށް މެނިފެސްޓޯގައި ވެސް ހިމަނާފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށް އޮތީ ދެގޮތެއް ކަމަށެވެ. އެއްގޮތަކީ އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކުރާ ވިޔަފާރީގެ މުއާމަލާތްތައް މުޅިން ދިވެހި ފައިސާއިން ކުރާ ގޮތަށް ހަމަޖެއްސުމެވެ. އޭރުން ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ދެވަނަ ގޮތަކީ ރާއްޖެއަށް އެތެރެވާ ޑޮލަރުގެ 30 އިންސައްތަ ރާއްޖޭގައި ހިފެހެއްޓުން ކަމަށެވެ. އެކަމަށް އެއްބަސްވުމަކަށް ވެސް އާދެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޑޮލަރު ލިބޭނެ ވަކި އުސޫލުތަކެއް ގާއިމް ކުރެވެންޖެހޭ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ އެތެރޭގެ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއިން ކުރާ ގޮތަށް ހަމަޖެއްސުން. އޭރުން ޑޮލަރު ލިބޭ މީހުން ވެސް ޖެހޭނީ ޑޮލަރު މާރުކުރަން. އެ މީހުން ގަންނަ ހުރިހާ އެއްޗަކާ ދޭ މުސާރަ ވެސް ދޭންޖެހޭނީ ރުފިޔާއިން. އެހެންވީމަ އެމްއެމްއޭ އިން ކަނޑައަޅާ އުސޫލަކުން ޑޮލަރު މާރުކުރަން ޖެހޭނީ. އެހެން ކަމަށް ވަންޏާ ރާއްޖޭގައި ރައްޔިތުން ބޭނުންވާ ވަރަށް ބޭންކުތަކުން ޑޮލަރު ލިބޭނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ކުރިއަށް އޮތް ފަސް އަހަރު ނިމޭއިރު 170 ބިލިއަން ރުފިޔާއަށް އަރައިގެންދާނެ ކަމަށެވެ. އަދި އިގްތިސޯދުގެ ބޮޑު ބަޔަކީ ޑޮލަރުން ރާއްޖެއަށް ވަންނަ އާމްދަނީ ކަމަށް ރައީސް ވިދާޅުވި އެވެ.
ޑޮލަރުގެ ކަންތައް ހައްލު ކުރަން ހުރި ފަރާތަކީ ތިމަން ރައީސްކަން ނޭނގި އެހެންމީހުންނަށް މިކަން ހައްލު ކުރެވޭނޭގޮތް ރައީސްސޯލިހު ކިޔައިދިނުމަކީ ހެއްވާކަމެއް.