ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ދޮން މަންމަ ސްކީލާން ހުސައިން ރާއްޖެ ނާދެވޭގޮތަށް ގަވާއިދާ ހިލާފަށް ކުރީގެ ސަރުކާރުން ޑިޕޯޓް ކޮށްލާފައިވާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

މުއިއްޒުގެ ދޮންމަންމަ ސްކީލާން ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ރައީސް ޔާމީންގެ ސަރުކާރުގައި ޑިޕޯޓުކޮށްލާފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ ދާދިފަހުންނެވެ.

އިމިގްރޭޝަނުން މީޑިއާ ގުރޫޕަށް ފޮނުވި މެސެޖްއެއްގައި ބުނެފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެ އިދާރާގެ ތެރެއިން، ލަންކާގެ ރައްޔިތެއް ކަމަށްވާ ސްކީލާން އަށް ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އެންޓްރީ ބްލޮކް ކޮށްފައިވާކަން ސަމާލުކަމަށް އައީ ދާދި ފަހުން ކަމަށެވެ.

އެ ވަގުތުން ފެށިގެން އެ ކަން ހިނގާފައިވާ ގޮތް ތަހުގީގުކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މުއިއްޒުގެ ބައްޕާފުޅު ޝެއިހް ހުސައިން އަބްދުއްރަހްމާން އަވަހާރަވުމާ ގުޅިގެން ޑރ. މުއިއްޒު އޭނާގެ ދޮންމަންމަ ސްކީލާން އާއި ދޭތެރޭ ކަންތައްކޮސްފައިވާ ގޮތް "އަދަދު" ނޫހުން އިއްޔެ ވަނީ ޑޮކިއުމެންޓްރީއެއް އާންމު ކޮށްފަ އެވެ.

އެ ޑޮކިއުމެންޓްރީގައި މުއިއްޒުގެ ދޮންމަންމަ ބުނެފައިވަނީ އަމިއްލަ ދަރިއެއްގެ ގޮތުގައި ބެލި މުއިއްޒުގެ ފަރާތުން އޭގެ ކުރިން ނުފެންނަ ކުލަވަރުތަކެއް ފެންނާން ފެށީ މުއިއްޒުގެ ބައްޕަ ނިޔާވުމާއި ގުޅިގެން ކަމަށެވެ. އަދި ތަރިކައިގެ މައްސަލަ ކޯޓުން ނިންމުމާއެކު ރާއްޖެއިން ފުރައިގެން ދިޔުމަށް މުއިއްޒު މަޖުބޫރު ކުރުވަމުން ގެންދިޔަކަމަށް އޭނާ ކިޔައިދީފައިވެ އެވެ.