މާދަމާ ނިންމާ ވޯޓަކީ ރާއްޖެ އަނެއްކާވެސް ހަމަނުޖެހުމާއި ބިރުވެރިކަމުގެ ތެރެއަށް ދާނީތޯ ނޫނީ އެތައް ބައެއްގެ ގުރުބާނީން މިގެނެސްދެވުނު އިސްލާހީ ހެޔޮ ބަދަލު ޒުވާނުންނާ ހަމައަށް ފޯރުކޮށްދޭނީތޯ ނިންމަން އޮތް ނިންމުމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ރައީސް އާންމު ކުރެއްވި ހިތާބުގައި ވިދާޅުވީ އަނެއްކާ ވެސް ނިންމަން ޖެހިފައި މިއޮތީ ގައުމުގެ މުސްތަގުބަލަށް ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމަށްޓަކައި 2018 ވަނަ އަހަރު ރައްޔިތުން ނިންމި ނިންމުމާ އެއްގޮތަށް ވޭތުވެދިޔަ ފަސް އަހަރު ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖޭގައި އޮތް ބިރުވެރިކަމާއި ނާމާންކަން މުޅިން ނައްތާލެވިއްޖެ ކަމަށާއި ކުޑަރަށެއް ބޮޑު ރަށެއް ތަފަތުކުރުމެއް ނެތި ތަރައްގީގެ ގިނަ މަޝްރޫއު ހިންގިއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ. އެންމެ މުހިންމު އެއްކަމަކީ ގައުމުގައި އަމާންކަމާ ހަމަޖެހުން ގާއިމް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދު ވެސް އަނެއްކާ ނިންމަން ޖެހިފައި މިއޮތީ ރާއްޖެ އަނެއްކާވެސް ހަމަނުޖެހުމާ ބިރުވެރިކަމުގެ ތެރެއަށް ދާނީތީ ނޫނިއްޔާ އަޅުގަނޑުމެން އެތައް ބައެއްގެ ގުރުބާނީން މިގެނެވުނު އިސްލާހީ ބަދަލުގަ ޒުވާނުންނަށް ރާއްޖެ ފޯރުކޮށްދޭނީތޯ ނިންމަން އޮތް ނިންމުން. އަޅުގަނޑުގެ އެދުމަކީ ރާޢްޖޭގެ ހުރިހާ ރައްޔިތުން މާދަމާ ނިކުމެ ރާއްޖެއަށް މިގެނައި އިސްލާހީ ހެޔޮ ބަދަލާއި ހަމަޖެހުމާ އެކީގައި ކުރިއަށް ދިއުމަށް އާޅުގަނޑުމެންނަށް ވޯޓު ދެއްވުން،" ރައީސް ވިދާޅުވި އެވެ.
ކޮވިޑްގެ އާލަމީ ވަބާއިން ރާއްޖެ އަރައިގަތީ ގިނަ ބައެއްގެ ހިތްވަރާ އެކީގައިކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެކަމުގެ ތެރެއިން ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ އެއްވެސް ދާއިރާއެއް ބާކީ ނުކޮށް ހުރިހާ ދާއިރައެއްގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.