ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް ޔާމީން ވޯޓު ލައްވައިފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 52 މިލިއަން ރުފިޔާގެ ޖޫރިމަނާއެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ ރަޖިސްޓްރީ ކުރަން ހުޅުވާލުމުން ރައީސް ޔާމީން ވަނީ އެމަނިކުފާނު މިވަގުތު ހުންނެވި މާފުށީ ޖަލަށް ރީރަޖިސްޓްރީ ކުރައްވާފަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމަނިކުފަނު ވޯޓު ލައްވާފަ އެއް ނުވެ އެވެ. އަދި އެމަނިކުފާނު ވޯޓުލެއްވުމަށް ރީ ރަޖިސްޓްރީވެސް ނުކުރައްވަ އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. ޖަމީލް ވިދާޅުވިގޮތުގައި ރައީސް ޔާމީން އަށް ފުރަތަމަ ބުރުގައި ވޮޓު ނުލެއްވުނީ އެ އިންތިޒާމްތައް ހަމަނުޖެހުމުންނެވެ. ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފައިވަނީ ރައީސް ޔާމީން އަށް ވޯޓޫ ލުމުގެ އިންތިޒަމްތައް ހަމަޖެހިފައިވާ ކަމަށެވެ. އެމަނިކުފަނު ފުރަތަމަ ބުރުގައި ވޯޓު ލުމަށް ރީ ރަޖިސްޓްރީ ކޮށްފައި ނުވާ ކަމަށްވެ އެވެ.