އެއްވެސް ބޭފުޅަކު ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މި ވަގުތަކީ ކެއްތެރިކަން އިސްކުރަންވީ ވަގުތު ކަމަށެވެ. އެންމެ ފަރުދެއްގެ މަސްލަހަތަށްވުރެ މުޅި ގައުމުގެ މަސްލަހަތު ބޮޑު ކަމަށާއި ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ވެސް މުއިއްޒު ގޮވާލެއްވި އެވެ. މި ވަގުތަކީ ހުރިހާ އެންމެން ވެސް އެކަތިގަނޑަކަށް ވާންވީ ވަގުތު ކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އުފާ ފާޅުކުރިޔަސް ހަމަޖެހުން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އެފަދަ ކަންކަމަށް ހިތްވަރު ނުދެއްވުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

މިދަނޑިވަޅުގައި ހަމަޖެހުން ނަގާލަން މީހުން މަސައްކަތްކުރަނެ ކަމަށަ އެފަދަ ކަންކަމަށް އެއްބާރުލުން ނުދިނުމަށް މުއިއްޒު އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންގެ ގައުމުގެ މަސްލަހަތު އަޅުގަނޑުމެންގެ ކޮންމެ މީހަކަށް ވުރެ މާ ބޮޑު. އަޅުގަނޑުމެންނަކީ ސުލްހަވެރި ބަޔަކަށް ވާން ޖެހޭނެ. އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ގެންނަން ކޮންމެ މީހަކު ވެސް އެ މީހެއްގެ މަސްލަހަތަށް ވުރެ އިސްކުރަން ޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އޭނާގެ ކުރިމަތީގައި ކޮންމެ ދިވެހި ރައްޔިތަކީ ހަމަހަމަ ރައްޔިތެއް ކަމަށެވެ. ކޮންމެ ޕާޓީއެއްގައި ހުއްޓަސް އެއީ ދިވެހި ރައްޔިތެއް ކަމަށާއި އެއްވަރަކަށް ހައްގު ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ބަހާއި އަމަލު ދިމާވާނެ ކަމަށާއި ގައުމަށް ހަމަޖެހުން ގެނެސްދޭނެ ކަމަށެވެ. އަދި ގައުމުގެ މިނިިވަންކަން ހިމާޔަތްކޮށް ހަމަޖެހުން ގެނެސްދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.