ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު އިތުރަށް ރައްޔިތުންގެ ހިޔާލު ހޯދަން ނުޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަޖިލީހަށް ހުށައެޅި ބިލު އެޖެންޑާކޮށް، މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ގާނޫނު އަސާސީއަށް އިތުރު އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓިކް މެންބަރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އިންތި ހުށަހެޅުއްވީ ބިލް ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ އިތުރު ވޯޓަކަށް ދާން ނުޖެހޭ ގޮތަށް ހެދުމަށެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން މާދަމާ އިއްވާނެ އެވެ.

މަޖިލީހުން ކުރިން އޮތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ގަރާރެއް ފާސްކޮށްފަ އެވެ. ނަމަވެސް އޭރު އެގޮތަށް ފާސްކުރީ ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޖިލީހަށް ލިބޭ ބާރުގެ ތެރެއިންނެވެ.

ނިޒާމީ ވޯޓާ ގުޅޭގޮތުން މަޖިލީހުން ގަރާރެއް ފާސްކޮށްފައި ވިޔަސް ރައްޔިތުންނާ އަހަންވީ ކޮން ސުވާލެއް ކަން އެ ގަރާރުން ސާފު ނުވާތީ އެކަން ސާފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ. މާދަމާގެ ޖަލްސާއަށް ވަނީ މި ސިޓީއާ މެދުގައި ގޮތެއް ނިންމުމަށް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފަ އެވެ.

ބަރުލަމާނީ ނިޒާމުގެ ވޯޓާ ގުޅޭ ގަރާރު މަޖިލީހުން ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ އިރު އެ ކޮމިޝަނުގެ ނިންމުމަކީ އަންނަ މަހުގެ 29 ގައި ބަރުލަމާނީ ވޯޓު ނެގުމެވެ.

ނިޒާމު ބަދަލުކުރުމަށް ފެނޭތޯ ބެލުމަށް ވޯޓެއް ނަގަން މަޖިލީހުން އީސީއަށް މިހާރު އަންގާފައިވާއިރު، އެ ވޯޓުގެ ކަންކަމާ ގުޅޭގޮތުން އަމަލުކުރާނެ ގޮތެއް ގާނޫނުއަސާސީގައި ލިޔެފައެއް ނުވެ އެވެ. އަދި އެ ވޯޓުގައި އަހަންވީ ސުވާލު ސާފުކޮށްދީފައި ވެސް ނުވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ. އެހެންވެ، އެކަންކަން ސާފުކުރުމާ އެކު، ރައްޔިތުން ހޭލުންތެރިކުރުވަން ޖެހޭނެ ކަންވެސް އީސީން ފާހަގަކުރެ އެވެ. އަދި އެފަދަ ވޯޓެއް ނެގުމަށް 40 މިލިއަން ރުފިޔާ ހަރަދުވާނެތީ އެކަން ހަމަޖައްސައިދިނުމަށް ވެސް އީސީން ވަނީ އެދިފަ އެވެ