މިއަދު ބޭއްވުމަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ކުރިއަށް ނުގެންދެވިގެން ނިންމާލައިފި އެވެ.

ހެނދުނު 9:00 ގައި ޖަލްސާ ފެށިއިރު ތިއްބެވީ 15 މެމްބަރުންނެވެ.

މެންބަރުން ހަމަވޭތޯ ބެލުމަށް 15 މިނެޓަށް މަޑުކުރުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޯރަމްގެ ރަނގަބީލު ޖެހުމަށްފަހު ވެސް ބަލަންޖެހޭ ވަގުތަށް ވެސް ބަލާ ނިމިއްޖެ ކަމަށާއި އިއްޒަތްތެރި މެންބަރުން މަޖިލީހަށް ވަޑައިނުގަންނަވާ ކަމަށެވެ.

"މާދަމާ ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރާނަން. އެޖެންޑާ ވެސް ފޮނުވާނަން. މެންބަރުން ވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަން. ވަޑައިނުގެންނެވި ސަބަބެއް ނުވިސްނޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުމާއި ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމަށް މަޖިލީހުން ފާސް ކޮށްފައިވާ ގަރާރާ ގުޅޭ ގޮތުން އިލެކްޝަނުން ފޮނުވަފައިވާ ސިޓީގެ މައްސަލަ އެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބަށް ފަހު އެ ޕާޓީން ވަނީ ބަރުލަމާނީ ތާއީދުކުރުމަށް ދެކޮޅު ހަދައިފަ އެވެ. މަޖިލިސް ތެރެއިން ކަމެއް ފާސްކުރާނަމަ އެމްޑީޕީ މެންބަރުންގެ ތާއީދު މުހިންމުވާނެ އެވެ.

އެމްޑީޕީއަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ރައީސް ނަޝީދާ ހެދިކަމަށް ބުނެ ބަރުލަމާނީ ނިޒާމަށް އެއްބާރުލުން ނުދޭނެ ކަމަށް އެ ޕާޓީގެ މެންބަރުން މިހާރު އަންނަނީ ބުނަމުންނެވެ. ބޮޑު މުސާރަ ނަންގަވައިގެން އެމްޑީޕީ މެންބަރުން މަޖިލީހުގެ ޖަލްސާއަށް މިހާރަކަށް އައިސް ހާޒިރުނުވާކަން ފާހަގަކުރެވެ އެވެ. އެމްޑީޕީގެ ގިނަ މެމްބަރުން މަޖިލީހަށް ހާޒިރުވި ނަމަވެސް ތިއްބަވަނީ މަޖިލީހު ކުޑަ ދޮށުގަ އެވެ.