ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅުމާމެދު ގޮތެއް ނިންމާނީ ޕާޓީން ކަމަށާއި ވަކި މީހަކު ޕާޓީއާ ގުޅުން މި ވަގުތު މުހިންމު ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފަނު މިހެން ވިދާޅުވީ ރައީސް ނަޝީދު އަލުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާ ރައީސްއަށާއި އެމްޑީޕީގެ ޗެއާޕާސަން އަށް ދެންނެވުމާ ގުޅިގެންނެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝިދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމާމެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރައީސް ނަޝިދު ޕާޓީއާ ގުޅުމާމެދު ގޮތެއް ނިންމާނީ ޕާޓީން ކަމަށެވެ.
ކޮންމެހެން އެމަނިކުފާނު އެމްޑީޕީއާ އަލުން ގުޅުން އެއީ މުހިންމު ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"ރައީސް ނަޝިދު ޕާޓީއާ ގުޅެންތޯ އެކަން ނިންމާނީ ޕާޓީން. އަޅުގަނޑަކަށް އެހާ މުހިންމެއް ނޫން ކޮންމެހެން ވަކި މީހަކު ޕާޓީގަ ހުރުމެއް. ޕާޓީ އެއަށްވުރެ މާ ވަރުގަދަ. ވަކި މީހަކު ޕާޓީން ވަކިވެގެން ގޮސް ވަކި މީހަކު އެނބުރި އައިސްގެން ވާކަމެއް ނޫން" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްޑީޕީއަކީ އެއަށްވުރެ ވަރުގަދަ ހަމަތަކަކާއި އުސޫލުތަކެއް ގެންގުޅޭ ޕާޓީއެއް ކަމަށެވެ. އެމަނިކުފަނު ނެތަސް ޕާޓީ ކުރިއަށްދާނެ ކަމަށާއި ވަކި މީހަކު ޕާޓީއަށް ގެނައުމަށް މަސައްކަތް ކުރުމަކީ އެހާ މުހިންމު ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ޕާޓީއާ ގުޅިވަޑައިގަންނަވަން ބޭނުންފުޅު ވާހަކަ އެމަނިކުފާނަށް ވެސް ދަންނަވާފައި ވާކަމަށާ އެހެން ނަމަވެސް އެއީ ގައުމީ މަޖިލީހުގެ ތާއިދު ވަކިވަރަކަށް އޮވެގެން ކުރާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.