ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް އެންމެ ބުރަ މަސައްކަތެއް ކުރީ ޕީޕީއެމްގެ އާންމު މެމްބަރުން ކަމަށް ވިދާޅުވެ، އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައްދު ދެއްވައިފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިނގާދިޔަ މުއާމަލާތްތަކާ ގުޅިގެން ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެން ނަމަވެސް އެމަނިކުފާނު މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ.

ރައީސް ޔާމީން ގޭބަންދުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ ސަޕޯޓަރުން ރޭ ވަނީ އެމަނިކުފާނަށް ފަރިވަޅެއް އަރުވާފަ އެވެ.

ފަރިވަޅު ބަލައިގެންނެވުމަށް ފަހު ގޭގެ ކުޑަދޮރުން ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލުގައި ހުންނެވި އިރު އެމަނިކުފާނުގެ ޖައްވުގައި އެންމެ ބޮޑު މަސައްކަތެއް ކުރީ ސަޕޯޓަރުން ކަމަށެވެ. މިއަދު ސަރުކާރުގެ މަގާމުތައް ލިބިވަޑައިގަންނަވާ ބޭފުޅުން ތިބީ ގޭގައި ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ އެވާހަކަތަކަށް އެމަނިކުފާނުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ވަނީ ރައްދު ދެއްވާފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު ޕީޕީއެމް/ޕީއެންސީން މުޒާހަރާ ރޭވުމާއި ސަޕޯޓަރުން ކުރި ހުރިހާ މުޒާހަރާތަކެއްގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އެ އެއްވުންތަކުން، ދެ ފަހަރެއްގެ މަތީން ފުލުހުން ބަންދުކުރި ކަމަށާއި އާއިލާ އާއި ދާއިރާ އަށް ވަގުތު ނުދީ، ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރެއްވީ ޔާމީނާއި ޕާޓީ އަދި ގައުމުގެ ހައްގުގައި ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ހިއްވަރު އަދިވެސް ހުންނާނެ ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރުމަކީ ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އަދި ކެމްޕެއިނުގައި ވެސް އެންމެ ބޮޑަށް ދެއްކީ ޔާމީން މިނިވަން ކުރާނެ ކަމުގެ ވާހަކަ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުމާ އެކު އެންމެ ފުރަތަމަވެސް ސަރުކާރަށް ގޮވާލެއްވީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށެވެ. ސަރުކާރަށް ވަނީ އެކަމަށް އިޖާބަދީ ޔާމީން ގެއަށް ބަދަލުކޮށްފަ އެވެ.

ޕީޕީއެން/ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވާފައި އޮތީ ރައީސް ޔާމީނެވެ. ނަމަވެސް އެ މަނިކުފާނަށް ފުރުސަތު ގެއްލިގެން ދިޔައީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑެސީ ބާތިލުކުރުމުންނެވެ.

ކެންޑިޑެސީ ބާތިލު ކުރި ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ކަނޑައަޅާފަ އެވެ.