ސުޕްރީމް ކޯޓުން މިހާރު ގާއިމްކޮށްފައި މިއޮތީ ވަރަށް ނުރައްކާތެރި އުސޫލެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިނގައިދިޔަ މުއާމަލާތްތަކާ ގުޅިގެން ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެން ނަމަވެސް އެމަނިކުފާނު މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ.

ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި ކުޑަދޮރުން ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފަނުގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ވަރަށް ބޮޑު އުންމީދަކާ އެކު ކަމަށެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ކުރި ހުކުމް އެކު މިހާރު އެ ކޯޓުން ގާއިމްކޮށްފައި އެވަނީ ވަރަށް ނުރައްކާތެރި އުސޫލެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފަނާ ދެކޮޅަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމުން ވެރިކަމުގައި ހުންނަވާ ބޭފުޅަކު ބޭނުންވެގެން، އެހެން ކެންޑިޑޭޓުންގެ މައްޗަށް ހުކުމެއްކޮށް އިންތިހާބީ ހައްގެއް ގެއްލުވާލަން ފުރުސަތު ލިބިގެންދާ ކަމަށެވެ. އެމަނިކުފާނުގެ އިސްތިއުނާފް މައްސަލަ ސަރުކާރުން ރާވައިގެން ގަސްތުގައި ލަސްކުރީ އެމަނިކުފަނުގެ އިންތިހާބީ ހައްގު ނިގުޅައިގަންނަން ކަމަށް ޔާމީން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމުން ވެރިކަމުގައި ހުންނަ ކޮންމެ މީހަކު ބޭނުން ވީމާ ސުޕްރީމް ކޯޓަށް މައްސަލަ ލުމުން އެހެން މީހުންގެ ވެސް އިންތިހާބީ ހައްގު ގެއްލިގެން ދިއުމަށް ހުޅުވުނު ދޮރެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިހާރު ދިވެހިރާއްޖޭގައި މިއޮތީ ވަަރަށް ނުރައްކާތެރި ޕްރެސިޓެންޑެއް ސުޕްރީމް ކޯޓުން ގާއިމު ކޮށްފައި. ވެރިއަކަށް ހުންނަ މީހަކު، ދެން ވާދަކުރާ މީހާ ކޮންމެ ވެސް ގޮތަކުން ދަށު ކޯޓުން އެެ މީހާގެ މައްޗަށް ހުކުމެއް އަންނަންވީ. ދެނެއް ނެތް އޭނާއަށް ކުރިމަތިލެވޭނެ ގޮތެއް، ވަރިހަމަ އެމީހަކު ކުށެއް ކުރިޔަސް ނުކުރިޔަސް. ހަމަ ދަށު ކޯޓުން ހުކުމެއް އަންނަންވީ އޭނާއަށް އިސްތިއުނާފުގެ މުއްދަތު ހަނިވާ ގޮތަށް،" ޔާމީން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 52 މިލިއަން ރުފިޔާގެ ޖޫރިމަނާއެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް ވަނީ ތާވަލް ކޮށްފަ އެވެ.