ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު އިންޑިއަން ރިއަލިޓީ ޝޯ ކަމަށްވާ ބިގް ބޮސްގެ ސީޒަން 17 މިމަހު 15 ގައި ލޯންޗުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިފަހަރުގެ ސީޒަން ވެސް މީޑިއާނެޓް ޗެނަލް 602 އާއި ޗެނަލް 854 އިން ބަލާލެވޭނެ އެވެ.
މި އަހަރު ވެސް މި ޝޯ ހުށައަޅައިދޭނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާން އެވެ. އޭނާ އަންނަނީ 2010ގައި ބިގްބޮސް ސީޒަން ހަތަރަކުން ފެށިގެން ޝޯ ހުށައަޅަމުންނެވެ.
މި ފަހަރުގެ ސީޒަންގައި ބައިވެރިވާނެ ތަރިންނަކީ ކޮބައިތޯ އެނގެން ގިނަ ފޭނުން ތިބީ ކެތް މަދުވެފަ އެވެ. މިހާރު ކަލާޒް ޓީވީއިން ވަނީ ބިގްބޮސް 17 ގެ ޕްރޮމޯ ދައްކަން ފަށާފަ އެވެ. މިފަހަރުގެ ސީޒަން އެހެން ސީޒަންތަކާ ތަފާތު ވެގެންދާއިރު، މިހާތަނަށް އައިރު މިޝޯގައި ބައިވެރިވާ ބައިވެރިން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ ސީޒަންގައި 20 ބައިވެރިން ބައިވެރިވާނެ އެވެ. އަދި މިފަހަރުގެ ސީޒަން ކާމިޔާބު ކުރާ ބައިވެރިޔަކަށް ލިބޭ އިނާމް ވެސް ބޮޑު ވާނެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިފަހަރުގެ ސީޒަންގައި "ބިގްބޮސް އޯޓީޓީ 2"ގެ ބައިވެރިން ވެސް ފެނިގެންދާނެ އެވެ. އެގޮތުން އަބީޝެކް މަލްހާން އާއި މަނީޝާ ރާނީ ފެނިގެންދާނެ އެވެ. މީގެ އިތުރުން އަންކިތާ ލޮހަންޑޭ އާއި މުންވަރު ފާރޫގު އާއި އައިޝްވާރިޔާ އާއި ނީލް ބަޓް އަދި ކަނިކާ މާން އެވެ.
މި އަހަރުގެ ފެބްރުއަރީގައި ނިންމާލި "ބިގް ބޮސް 16" ކާމިޔާބުކުރީ ރެޕާ އެމްވީ ސްޓޭން އެވެ. އަދި މިދިޔަ މަހު ނިންމާލި "ބިގްބޮސް އޯޓީޓީ 2" ކާމިޔާބު ކުރީ މަޝްހޫރު ޔޫޓިއުބާ އެލްވިޝް ޔާދަވް އެވެ.