ރާއްޖޭގައި ގާއިމުވެގެން ތިބި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރުހިވަޑައިގެންފާނެ ކަމަށް ދޭހަވާ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަދެއްކެވީ، އިންތިހާބީ ރައީސާ މަޝްވަރާ ނުކުރައްވާ ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް މިފަދައިން ވިދާޅުވެފައި ވަނީ މީގެ ދެ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭރުގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން ނޫސްވެރިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފިރުޒުލް ވިދާޅުވީ އިންތިހާބީ ރައީސް އެއްވެސް ގައުމެއްގެ ސިފައިންގެ އެންމެ ބޫޓް ޖޯޑެއްވެސް ދިވެހި ފަސްގަނޑުގައި ހުރުމަށް ކަމަށް ދުވަހަކު ވެސް ރުހިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ ނިންމަވާފައިވާ ނިންމެވުން ކަމަށާއި މުއިއްޒުގެ ވެސް ނިންމެވުން ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ގެ ސްޓޭންޑް އަކީ އިންޑިއާ އަދި ކީއްކުރަން އެހެން އެއްވެސް ގައުމެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ހުރުމަކަށް ދުވަހަކު ވެސް ނުރުހެވޭނެއޭ. އެއީ ދިވެހި ރައްޔިތުން ނިންމަވާފައިވާ ނިންމެވުން. އަދި ހަމަ އެހެންމެ، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ސާފު ޞަރީހަ ސްޓޭންޓް ވެސްމެ،" ފިރުޒުލް ވިދާޅުވި އެވެ.

އެހެންކަމުން ދިވެހި ރައްޔިތުންގެ ނިންމެވުމާއި ފުށުއަރާ ގޮތަށް، އިންތިހާބީ ރައީސް ޑރ. މުއިއްޒަށް ނިސްބަތް ކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަތަކަށް ހިތާމަ ކުރައްވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އަދި އެފަދައިން ވާހަކަތައް ނުފެތުރުމަށް ވެސް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"ދަ ހިންދޫ" އަށް ރައީސް ނަޝީދު އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖޭގައި އޮޕަރޭޓްކުރާ ހެލިކަޕްޓަރުތައް ބެލެހެއްޓުމަށް ގާތްގަނޑަކަށް 75 ވަރަކަށް އިންޑިއާ ސިފައިން ބޭއްތިބުމަށް އިންތިހާބީ ރައީސް މުއިއްޒު ހުރަސް ނާޅުއްވާނެ ކަމަށެވެ.

ރާއްޖޭގައި ގާއިމުވެގެން ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލެއްވުމަކީ ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ވެވަޑައިގެންފައިވާ އެންމެ މުހިއްމު އެއް ވައުދުކަމަށްވާއިރު، އެ ވައުދު ފުއްދަވަން ބޭނުންފުޅުވާތީ ރައްޔިތުންގެ ނިންމުން ތަންފީޒުކުރުމުގައި އިންޑިއާއިން އެހީތެރިކަން ދިނުމަށް އެމަނިކުފާނުވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރަމްގެ އަރިހުން ވެސް އެދިވަޑައިގެންފަ އެވެ.