ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިގަތުމާއި މެދު ގޮތެއް ނިންމާނީ މަޖިލީހުގެ އަމީންއާންމު ކަމަށާ އެކަމުގައި މަޖިލީހުގެ ރައީސްއަށް އެކަން ނިންމެވުމުގެ އިހުތިޔާރެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން އެކަމާމެދު ގޮތެއް ނިންމާނީ މަޖިލީހުގެ އަމީންއާންމު ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ އެމައްސަލަ ކުރިއަށްގެންދެވިދާނެތޯ ނުވަތަ ނޫންތޯ ނިންމެވުމުގެ އިހުތިޔާރު ލިބިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.

އާންމު ހަމަތަކަށް ބަލާއިރުވެސް އެބޭފުޅެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެމައްސަލަ ބަލައިގަތުމާއި މެދު އެބޭފުޅަކު ގޮތް ނިންމެވުމަކީ އާންމު ހަމަތަކާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"މިމައްސަލަ ކުރިއަށް ގެންދެވިދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުއްވުމުގެ އިހްތިޔާރު ލިބިވަޑައިގެންވާ ބޭފުޅެއް ނޫން މަޖިލީހުގެ ރައީސް އަކީ އާންމު ހަމަތަކާ އުސޫލްތަކަށް ބަލާ އިރު އެފަރާތެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުނީމާ އެކަންކުރެވިދާނެތޯ ނުވަތަ ނޫންތޯ ނިންމުމަކީ އާންމު އުސޫލާ ހިލާފު އަމަލެއް އެކަން ނިންމަވާނީ މަޖިލީހުގެ އަމީން އާންމު،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 48 މެމްބަރުންގެ ސޮޔާއެކު ރޭ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

އެމައްސަލަ އެމްޑީޕީން ހުށަހަޅާފައިވާއިރު އެމައްސަލަ މަޖިލީހަށް މިދައުރުގައި ބަލައިގަންނަން ދަތިވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖް އެއްގައި ވިދާޅުވީ މިދައުރުގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިގަންނަން ދަތި ވާނެ ކަމަށެވެ. އެމައްސަލަ ކުރިއަށް ގެންދެވޭނީ އަންނަ ދައުރުގައި ކަމަށްވެސް ވިދާޅުވި އެވެ.

އެމައްސަލަ ބަލައިގަންނަން ދަތިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވަނީ މިދައުރުގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރިން ހުށަހަޅަފައިވާތީ އެވެ.

އެހެން ނަމަވެސް އެމައްސަލަ އެއް ދައުރުގައި ދެފަހަރަށް ހުށަނޭޅޭނެ ކަމަކަށް މަޖިލީހުގެ ގަވާއިދުގައި ނުބުނެ އެވެ.