ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ބަލައިގަންނަން މަޖިލީހުގެ އިދާރާއިން ނިންމައިފި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 48 މެމްބަރުންގެ ސޮޔާއެކު އެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއި ގުޅެގޮތުން އެމްޑީޕީގެ ޕީޖީ ބައްދަލުވުމެއް އިއްޔެ އާރަށުގައި ބާއްވާ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ފާސް ކުރީ މެމްބަރުންގެ އިއްތިފާގުންނެވެ.
ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާއިރު އެމައްސަލަ މި ދައުރުގައި ބަލައިގަންނަން ދަތިވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖް އެއްގައި ވިދާޅުވީ މިދައުރުގައި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިގަންނަން ދަތި ވާނެ ކަމަށެވެ. އެމައްސަލަ ކުރިއަށް ގެންދެވޭނީ އަންނަ ދައުރުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވެފައިވަނިކޮށް މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުން ބަލައިގަންނަން ނިންމަފައިވާ ކަމަށެވެ.
އަދި އެމައްސަލަ މަޖިލީހުގެ ގަވާއިދުތަކުގެ މަތީން ކުރިއަށް ގެންދެވޭނެ ކަމަށްވެސް މަޖިލީހުން ބުނެ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފައެ. މި މައްސަލަ ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ވާހަކަ ދަންނަވަމެވެ،" މަޖިލީހުގެ އިދާރާއިން ބުންޏެވެ.