އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމްތަކާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ރައްޔިތުންގެ މަޖިލީހާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައްުޔިތުންގެ މަޖިލިހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ކަންކަން ބަލަހައްޓަވާ ޑިރެކްޓާ އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މަޖިލީހުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ އާއި އިދާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މަޖިލިހުގެ އިދާރާ އިން ވަނީ ރައްޔިތުންގެ މަޖިލިހުގެ ބައްދަލުވުން ނުވަތަ ޖަލްސާ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ގޮތަށް ހަމަޖައްސައިފަ އެވެ.