ސަރުކާރު ކުންފުނިތަކުން 10 ކަމެއް ނުކުރުމަށް އެދި އިންތިހާބި ރައީސްގެ އޮފީހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފި އެވެ.

ސަރުކާރު ކުންފިނިތަކުން ބައެއް ކަންކަން ނުކުރުމަށް އިންތިހާބީ ރައީސްގެ އޮފީހުން އެދިފައިވަނީ މިއީ ސަރުކާރު ބަދަލުވާ އިންތިގާލީ މަރުހަލާއަށްވެފައި ކުންފުނިތަކުން މި ދަނޑިވަޅުގައި ކުރާ ކަމަކުން ސަރުކާރުގެ ސިޔާސަތުތައް ހިންގަން ދަތިވެދާނެތީ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެ އެވެ.

ސަރުކާރު ކުންފުނިތަކުން ނުކުރުމަށް އިންތިހާބީ ރައީސްގެ އޮފީހުން އެދިފައިވާ ކަންތައްތަކަކީ

  • މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުން
  • ކުންފުނިތަކުގެ ވަޒީފާތަކަށް އަލަށް މީހުން ވެއްދުން
  • މަގާމުގެ ކުރިއެރުން ދިނުން
  • އެއްވެސް ފަރާތަކުން ކުންފުންޏަކަށް ދައްކަން ޖެހޭ ފައިސާއެއް މާފުކުރުން
  • ކުންފުނިތަކުގެ ހިންގާ ގަވާއިދަށް ބަދަލު ގެނައުން
  • އާ މަޝްރޫއުތައް ފެށުން
  • ކުންފުނީގެ ދަށުގައި ހުރި މުދާ ނުވަތަ ބިން ކުއްޔަށް ދިނުން

އިންތިގާލީ މަރުހަލާ ކުރިއަށްދާއިރު ސަރުކާރުންވެސް ބައެއް ކަންކަން ނުކުރުމަށް އިންތިހާބީ ރައީސްގެ ފަރާތުން ވަނީ އެދިވަޑައިގެންފަ އެވެ.

ސަރުކާރުން ހަތް ކަމެއް މަޑުޖައްސާލަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހީމް މުހައްމްދު ސޯލިހުގެ އަރިހުން ވަނީ އެދިވަޑައިގެންފަ އެވެ.

ސަރުކާރުގެ މުއައްސަސާތަކަށް މީހުން ވަޒީފާއަށް ނުނެގުމާއި އެއްވެސް ގައުމަކާ އެކު އެގްރިމަންޓެއް ނުހެދުމާ އެކު ސަރުކާރުން މިހާރު ކުރަމުން އަންނަ ބައެއް ކަންކަން މަޑު ޖައްސާލަން އެދި ޑރ. މުއިއްޒު ވަނީ ރައީސް ޞޯލިހް އަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ.

ނަމަވެސް ޕީސީބީ އިން ބުނެފައި ވަނީ އިންތިގާލީ މަރުހަލާގައިވެސް މިހާރު ހިންގަމުން އަންނަ މަޝްރޫއުތަކާ އަދި އެ މަޝްރޫއުތަކުގެ މުއްދަތު އިތުރު ކުރުންފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.