އެއްވެސް ރަށެއްގެ އެއްވެސް މަޝްރޫއެއް ހުއްޓަލަން ނާންގާ ކަމަަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައެއް ކަންކަން މި ވަގުތަށް މަޑުޖައްސާލަން އިންތިހާބީ ރައީސްގެ އޮފީހުން ވަނީ އެދިފަ އެވެ.

މުއިއްޒު މިއަދު "އެކްސް" ގައި ވިދާޅުވީ އެއްވެސް ރަށެއްގައި ހިންގާ މަޝްރޫއެއް ހުއްޓާލަން ނޫނީ މަޑުޖައްސާލަން ނާންގާ ކަމަށެވެ. އަދި މުއިއްޒުގެ ފަރާތުން ވެސް އެއްވެސް ބޭފުޅަކަށް އެކަހަލަ އެންގުމެއް ނާންގާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބައެއް ރަށްތަކުގައި މަސައްކަތް ހުއްޓާލައި މެޝިނަރީތައް ބާލަމުން ދާކަމަށާއި އެކަން ކުރަނީ އެމަނިކުފާނު އަންގައިގެން ނޫން ކަމަށާއި އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އިންތިގާލީ މަރުހަލާ ކުރިއަށްދާއިރު ސަރުކާރުން ވެސް ބައެއް ކަންކަން ނުކުރުމަށް އިންތިހާބީ ރައީސްގެ ފަރާތުން ވަނީ އެދިވަޑައިގެންފަ އެވެ.

ސަރުކާރުން ހަތް ކަމެއް މަޑުޖައްސާލަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހީމް މުހައްމްދު ސޯލިހުގެ އަރިހުން ވަނީ އެދިވަޑައިގެންފަ އެވެ. އަދި ސަރުކާރު ކުންފުނިތަކުން 10 ކަމެއް ނުކުރުމަށް އެދި އިންތިހާބީ ރައީސްގެ އޮފީހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ވަނީ އަންގައިފަ އެވެ.

ސަރުކާރުގެ މުއައްސަސާތަކަށް މީހުން ވަޒީފާއަށް ނުނެގުމާއި އެއްވެސް ގައުމަކާ އެކު އެގްރިމަންޓެއް ނުހެދުމާ އެކު ސަރުކާރުން މިހާރު ކުރަމުން އަންނަ ބައެއް ކަންކަން މަޑު ޖައްސާލަން އެދި ޑރ. މުއިއްޒު ވަނީ ރައީސް ޞޯލިހް އަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ.

ނަމަވެސް ޕީސީބީ އިން ބުނެފައި ވަނީ އިންތިގާލީ މަރުހަލާގައި ވެސް މިހާރު ހިންގަމުން އަންނަ މަޝްރޫއުތަކާ އަދި އެ މަޝްރޫއުތަކުގެ މުއްދަތު އިތުރު ކުރުންފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.