ދިވެހި ޕާސްޕޯޓް ގެއްލުމުން އަލުން ޕާސްޕޯޓް ހެއްދުމަށް ނަގަމުން އައި ޖޫރިމަނާ 2000 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ގޮތަށް ހަމަޖައްސަވައިފި އެވެ.

ޕާސްޕޯޓް ގެއްލިއްޖެ ނަމަ މީގެ ކުރިން 5000 ރުފިޔާ އާއި 20،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެ އެވެ. އެއީ ފުރަތަމަ ފަހަރު ނަމަ 5000 ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރު ނަމަ 10،000 ރުފިޔާ އަދި ތިން ވަނަ ފަހަރު ނަމަ 20،000 ރުފިޔާއިންނެވެ. އެހެންނަމަވެސް މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ވަނީ ދިވެހި ޕާސްޕޯޓާ ބެހޭ ގަވައިދު އިސްލާހްކޮށް ޖޫރިމަނާގެ އަދަދު ކުޑަކޮށްފަ އެވެ.

އިސްލާހްކުރި ގަވާއިދުގައި ވަނީ، ޕާސްޕޯޓު ގެއްލުނީ އިހުމާލުން ނޫންކަން އެނގޭ ޕޮލިސް ރިޕޯޓަކާ އެކު ހުށަހެޅުމުން 2،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ ޖޫރިމަނާއެއް ނުނަގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް އިސްލާހްގައިވެ އެވެ.

އަލަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން ޖޫރިމަނާ ފައިސާ ނުދެއްކޭ ފަރާތްތަކަށް އެ ހިނދެއްގެ ހާލަތާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރުމުގެ އިހްތިޔާރު ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަނަށް ލިބިގެންވެ އެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ ޕޮލިސް ރިޕޯޓަކާ ނުލައި އާ ޕާސްޕޯޓަކަށް އެދި ހުށަހެޅޭނެކަމަށާއި، ޖޫރިމަނާ ކުރުމާކާ ނުލައި ޕާސްޕޯޓު އާކޮށްދޭނެ ކަމަށް އާ ގަވައިދުގައިވެ އެވެ.

ގަވައިދުގައި ބުނެފައިވަނީ ޕާސްޕޯޓު ހެއްދުމަށް އެދި ހުށަހެޅުމުގައި ތެދު ނޫން މައުލޫމާތު ދިނުން ނުވަތަ ސައްހަ ލިޔުމަށް ބަދަލު ގެނައުން ނުވަތަ ނަކަލުކޮށް ގެން ހުށައަޅައިފި ނަމަ 2000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތަށް އެދޭ ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް އިމިގްރޭޝަނަށް ހިދުމަތް ހޯދުމަށް ހާޒިރުވެ އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކޮށްފި ނަމަ ހިދުމަތް ނުދިނުމުގެ އިހްތިޔާރާއި، 2000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށް ގަވައިދުގައިވެ އެވެ.

މީގެ އިތުރަށް 18 އަހަރުން ދަށުގެ ކުދިންނާއި ދިގު މުއްދަތަކަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހިއްސުގެ ނުވަތަ ސިކުނޑީގެ އުނިކަން ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމަކީ އެ މީހުންގެ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިންގެ ޒިންމާއެއް ކަމަށް ވަނީ ކަނޑައަޅުއްވައިފަ އެވެ.

އިމިގްރޭޝަނުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 500 ޕާސްޕޯޓް ގެއްލިގެން ހުށަހެޅިއިރު މި މުއްދަތުގައި 32،500 ޕާސްޕޯޓް ހަދައިދީފައިވެ އެވެ. މިދިޔަ އަހަރު 56،326 ޕާސްޕޯޓް ހަދައިދީފައިވެ އެވެ.