ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލައިގެ ޝަރީއަތްތައް އަންނަ ހަފްތާ ފެށޭނެ ކަމަށާއި ވަކީލުންވެސް ބައިވެރިވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. އެ މައްސަލަ އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އެކަމަކު، އެކިއެކި ސަބަބުތަކާ ހުރެ އެ މައްސަލައިގެ އިސްތިއުނާފު ވަނީ ހައި ކޯޓުގައި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަ އެވެ. ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނުނިމި ލަސްވާތީ އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތީން ތާވަލު ކުރި މައްސަލަވެސް ވަނީ ކެންސަލް ކޮށްފަ އެވެ. ދެ ފަހަރުވެސް މައްސަލަ ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފައި ވަނީ ޕީޖީ އޮފީހުން އެދިގެންނެވެ. ޕީޖީ އޮފީހުން އެދިގެން އަޑުއެހުން ކެންސަލް ކުރީ ޕީޖީގެ ވަކީލުން ޓްރެއިނިން އެއްގައި މާލެއިން ބޭރުގައި އުޅުމުންނެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާން ވިދާޅުވީ ޕީޖީގެ ވަކީލުން މިހާރު މާލޭގައި އެބަތިބިކަމަށާއި ދެން ބާއްވާ އަޑުއެހުންތަކުގައި ބައިވެރިވާނެ ކަމަށެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުން ކެންސަލް ކުރީ ޕީޖީގެ ވަކީލުން ބަލިވެ އުޅުމާއި އާއިލީ ޒިންމާގެ ޗުއްޓީގައި އުޅުއްވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ދެން ބާއްވާ އަޑުއެހުންތަކުގައި ބައިވެރިވެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މި މައްސަލާގައި މިހާރު ކުރިއަށްދަނީ އެ މައްސަލާގައި ހިމެނޭ ދެ ގަޒިއްޔާގެ ތެރެއިން މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި މައްސަލާގައި ދެ ފަރާތުން ހުށަހެޅި ނުކުތާތަކާމެދު ބަހުސްކުރުމުގެ މަރުހަލާ އެވެ.

މިހާތަނަށް މި ގަޒިއްޔާގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ފާހަގަކުރައްވާފައިވަނީ އެމަނިކުފާނުގެ ނަމުގައި އެކައުންޓެއް ހުޅުއްވާފައި ހުރި ބޭންކުގެ ގޮފި ބަންދުކުރަން ނިންމުމުން އެހެން ބޭންކަކަށް އެ ފައިސާ ބަދަލުކުރުމަކީ ފައިސާގެ އަސްލު އޮޅުވައިލުމުގެ އަމަލެއް ނޫން ކަމަށެވެ.

ނަމަވެސް ދައުލަތުން ތަކުރާރުކޮށް ވަކާލާތުކުރަނީ އެމަނިކުފާނުގެ އަމިއްލަފުޅު ދެ އެކައުންޓެއްގެ މެދުގައި ފައިސާ ބަދަލުކުރެއްވުމުގެ މުއާމަލާތަކީ އެ ފައިސާގެ އަސްލު އޮޅުވައިލެއްވުމަށް ހިންގެވި މުއާމަލާތެއް ކަމަށެވެ.