ރައްޔިތުން އިންތިހާބު ކޮށްފައި ތިބޭ ކައުންސިލަރުން ހަގީގީ މާނައިގަ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތްދެވޭކަން ޔަގީން ކޮށްދޭ ސަރުކާރެއް ގާއިމް ކޮށްދޭނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ ތާރީހުގައި ވޭތުވެދިޔަ ދެ އަހަރަކީ ފާހަގަކޮށްލެވޭ ދެ އަހަރު ކަމަށެވެ. މާލޭގެ ރައްޔިތުންނަށް މާލެ ސިޓީގެ ފަރާތުން ގިނަ ހިދުމަތްތަކެއް ބޮޑެތި ގޮންޖެހުން ތަކަކާއި އެކު ކޮށްދެވުނު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ ގޮތަށް ދުވަހުން ދުވަހަށް ކައުންސިލްގެ ކަންކަން ހިނގަމުން ދޭތޯ ބަލާ އެކަންކަމުގައި ސަރުކާރަށް ދެވެން އޮތް އެހީތެރި ކަމެއް ކައުންސިލްތަކަށް ދެން ފެށޭ ސަރުކާރެއްގައި ލިބިގެންދާނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. ރައްޔިތުންނަށް ކައުންސިލުން ކޮށްދޭން ޖެހޭ ކަންތައްތައް ބާރު މިނުގައި ގެންދެވޭނެ ގޮތަށް ސަރުކާރުގެ ތެރެއިން ކަންކަން ހަމަޖެހޭނެ އިންތިޒަމުތައް ހަމަޖެހިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރުގެ ނިޒާމު ގާއިމް ކުރުމަށް ނިންމާ ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ދެން ފެށިގެންދާ ސަރުކާރަކީ ރައްޔިތުން އިންތިހާބު ކޮށްފައި ތިބޭ ކައުންސިލަރުން ހަގީގީ މާނާއިގަ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތްދެވޭކަން ރައްޔިތުންނަށް ޔަގީން ކޮށްދޭ ސަރުކާރަކަށް" މުއިއްޒު ވިދާޅުވި އެވެ.

ނޮވެމްބަރު 17 އަށް ފަހު 2 މަސްތެރޭ މާލެ ސިޓީ ކައުންސިލަށް އިންތިހާބު ކުރާ މޭޔަރަކީވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނާނެ ބޭފުޅަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.ރައްޔިތުން ބޭނުންވަނީ ދެފުއްފެންނަ ޖަވާބު ދާރީ ވެވޭ ހިދުމަތްތެރި ސަރުކާރެއް ކަމަށާ އެފަދަ ސަރުކާރެއް ގާއިމް ކުރެވޭނީ ކައުންސިލްތަކުގެ އެއްބާރުލުން ލިބިގެން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.