"ކުޗް ކުޗް ހޯތާހޭ"އަކީ މިހާތަނަށް ބޮލީވުޑްގައި ނުކުތް އެންމެ މަގުބޫލު ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. އެ ފިލްމަށް 25 އަހަރު ފުރުނު ނަމަވެސް އާއްމުންގެ ހިތުގައި އެ ފިލްމަށް ދެވިފައިވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެ އެވެ.

"ކުޗް ކުޗް ހޯތާހޭ"ގެ ރިހި ޔޫބީލްގެ މުނާސަބަތުގައި ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު ވަނީ އާދީއްތަ ދުވަހުގެ ރޭ އެ ފިލްމުގެ ހާއްސަ ޝޯއެއް އަޅުވާފަ އެވެ.

25 އަހަރު ފާހަގަ ކުރުމުގެ ގޮތުން ޓިކެޓެއް 25 ރުޕީސްއަށް ވިއްކިއިރު އެންމެ 25 މިނެޓް ތެރޭގައި އެ ޝޯގެ ޓިކެޓްތައް ވިކި ހުސްވެފައިވެ އެވެ.

އާދީއްތަ ދުވަހުގެ ރޭގެ ޝޯއިން ކަރަންއާއި "ކުޗް ކުޗް ހޯތާހޭ"ގެ މުހިއްމު ރޯލުތަކުން ފެނުނު ބައެއް ތަރިން ކަމަށްވާ ރާނީ މުކަރްޖީއާއި ޝާހްރުކް ޚާން ވެސް ފެނިގެންދިޔަ އެވެ.

އެހެން ނަމަވެސް ގިނަ ބަޔަކު ވަނީ ފިލްމުގެ އަންހެން ލީޑް ކަމަށްވާ ކާޖޮލް އެ ޝޯގެ ތެރެއިން ނުފެނުމުން އެކަން ފާހަގަ ކޮށްފަ އެވެ.

އެ ޝޯގައި ވާހަކަ ދައްކަމުން ކަރަން ބުނީ އެއީ އޭނާ ޑައިރެކްޝަންގެ ދުނިޔެއަށް ނެރެދިން ފިލްމު ކަމަށާއި އެ ފިލްމަށް އޭނާގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވާނެ ކަމަށެވެ.

"ކުޗް ކުޗް ހޯތާހޭ" ސިނަމާތަކަށް އައިސްފައިވަނީ 1998 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އެވެ.