އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މޫސުމީ ބަދަލުތައް ނަންގަވަނީ ވަރަށް ސީރިއަސްކޮށް ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމަށްވާ "އަލް ޖަޒީރާ" އަށް މުއިއްޒު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ ލޮނުގަނޑު އުފުލުމާ ގުޅޭ ގޮތުން ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ހިސާބު ޖަހާ ވަރުގެ ސީރިއަސް ކަމެއް ފާހަގަ ނުކުރެއްވޭ ކަމަށެވެ. އަދި، ރާއްޖެ އަށް އަޑިއަށް އެ ބުނާ ވަރަށް ނުދާ ކަމަށް ބެލުމަށް ރާއްޖެ ޒިޔާރަތް ކުރުމަށް މުއިއްޒު ދައުވަތު ދެއްވި އެވެ. އެކަމަކު، މުއިއްޒު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ފިޔަވަޅުތަކެއް އެޅުމުގެ މުހިންމު ކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި ތަރައްގީގެ މަޝްރޫއެއް ހިންގި ކަމުގައި ވިޔަސް، އެކަން ކުރަނީ ތިމާވެއްޓަށް ވަރަށް ސީރިއަސްކޮށް ބަލައިގެންނެވެ. އަދި ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މާ ގިނަ ބިންތަކެއް ހުރީކީ ނޫން. އެހެންވެ އަޅުގަނޑުމެން ކުރާ ކަމަކީ ބިން އުފެއްދުން. އެއީ ރިސޯޓަަށް ކަމަށް ވިޔަސް. އެއީ މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އޮތް ޓްރެންޑެއް. އެކަމަކު، ކޮންމެ ކަމެއް ކުރުމުގެ ކުރިން ވެސް އަބަދުވެސް މުރަކަތައް ހިމާޔަތް ކުރޭތޯ ޔަގީން ކުރަން." މުއިއްޒު ވިދާޅުވި އެވެ.
މޫސުމާ ބެހޭ ގޮތުން މުއިއްޒު ދެއްކެވި ބައެއް ވާހަކަފުޅަށް ސަރުކާރުގެ ބައެއް ބޭފުޅުންގެ ފާޑު ކިއުން އަމާޒުވި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ފިރުޒުލް ވިދާޅުވީ ފާޑުކިޔުންތައް އަމާޒުކުރަނީ އިންތިހާބީ ރައީސް ދެއްކެވި ވާހަކަފުޅުގެ މުރާދު އޮޅުވާލައިގެން ކަމަށެވެ. އެ އިންޓަވިއުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ވެސް އިންތިހާބީ ރައީސް ފާހަގަކުރެއްވި ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
"އެކަންކަމަށް ތައްޔާރުވުމަށްޓަކައި ކްލައިމެޓް އެޑެޕްޓޭޝަނަށް މަސައްކަތް ކުރަން ޖެހޭ ވާހަކަ ވަރަށް ސާފުކޮށް ފާހަގަ ކުރެއްވި. އަދި ބޮޑެތި އިގުތިސޯދުތައް އަމަލު ކުރަމުންދާ ގޮތުން ދިވެހިރާއްޖެއަކީ ނުވަތަ ދިވެހިންނަކީ މޫސުމީ ޗެލެންޖުތަކުގެ ވިކްޓިމައިޒް ވެފައިވާ ބައެއް ކަން ވެސް ފާހަގަ ކުރެއްވި. ކާބަން ނިއުޓްރަލް ވާހަކަ އާއި އެ މަގަށް މަސައްކަތް ގެންދަން ކުރައްވާނެ ސިޔާސަތުގެ ވާހަކަ ވެސް ދެއްކެވި،" ފިރުޒުލް ވިދާޅުވި އެވެ.
"އިންތިހާބީ ރައީސް މޫސުމީ ބަދަލުތައް ހަމަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި އެ ވަނީ. އޭގެ ސަބަބުން ރާއްޖެ އަށް ހުރި ގޮންޖެހުންތައް ވެސް ފާހަގަ ކުރައްވާފައި އެ ވަނީ."
ފިރުޒުލް ވިދާޅުވީ އެ ގޮންޖެހުންތަކާ އެކު ވެސް ގައުމެއްގެ ގޮތުގައި ރާއްޖެ އަށް ކުރިއަށް ގެންދެވޭނެ ކަން މުއިއްޒު ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މަސައްކަތް ކޮށްގެން އިންވެސްޓްމަންޓްތައް ރާއްޖެ އަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.