ރައްޔިތުންގެ މަޖިލިސް އަންނަ އަހަރު ހިނގުމަށް 186.9 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި އެވެ.

މި ބަޖެޓު ހުށަހަޅާފައި ވަނީ މަޖިލީހުގެ އަންނަ އަހަރުގެ ބަޖެޓު ދިރާސާކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ ބަޖެޓާ ގުޅޭ ގޮތުން ކޮމެޓީގައި މިއަދު ވަނީ މަޝްވަރާ ކޮށްފަ އެވެ. މިހާރު ހިނގަމުންދާ މަޖިލީހުގެ ބަޖެޓަކީ 182 މިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ ބަޖެޓަކީ މި ހިނގަމުންދާ އަހަރުގެ ބަޖެޓަށްވުރެ ހަތަރު މިލިއަނެއްހާ ރުފިޔާގެ އިތުރު ބަޖެޓެކެވެ.

މަޖިލީހުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަންސް، އަހުމަދު ފާއިޒް މުހައްމަދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުން ލަސްވުމާ ގުޅިގެން ބަޖެޓު އެކުލަވާލަން ޖެހޭ މުއްދަތު ފާއިތުވަމުންދާތީ މަޖިލީހުން މިހާރު ވަނީ ފިނޭންސް މިނިސްޓްރީ އަށް ބަޖެޓު ހުށަހަޅާފައިވާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ ބަޖެޓު މި އަހަރަށް ވުރެ ބޮޑުވާ އެއް ސަބަބަކީ އަންނަ އަހަރުގެ މަޖިލީހުގައި މި އަހަރަށްވުރެ މެމްބަރުން އިތުރުވުމެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 87 މެމްބަރުންނެވެ. ނަމަވެސް 2024 ގައި ހޮވާ މަޖިލީހަށް ހަ ގޮނޑިއެއް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ އެކު, ދެން އިންތިހާބު ކުރާ މަޖިލީހުގެ ޖުމްލަ ގޮނޑީގެ އަދަދު 93 އަށް އަރާނެ އެވެ.

އެންމެ ފަހުން 2019 ގައި ހޮވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން ވެސް، 18 ވަނަ މަޖިލީހުގައި ތިބި ޖުމްލަ 85 މެންބަރުންގެ އަދަދަށް ދެ ގޮނޑި އިތުރުކުރި އެވެ.

މަޖިލިސް އިންތިހާބުގައި އިތުރުވި ހަ ދާއިރާ އަކީ:

  • ހުޅުމާލެ މެދު ދާއިރާ
  • ހުޅުމާލެ އުތުރު ދާއިރާ
  • ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
  • ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅި)
  • ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
  • ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)