އާ ސަރުކާރު ވެގެންދާނީ އިސްލާމް ދީނަށް އެންމެ އިސްކަންދޭ ސަރުކާރަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ކުރު ބަޔާނެއްގައި މުއިއްޒު ވިދާޅުވީ 17 ނޮވެމްބަރުގައި އުފެދޭ ސަރުކާރު ވާނީ، އިސްލާމްދީނާއި ދިވެހީންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް ކަމަށެވެ. މި ގައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީހީ ހާދިސާ އަކީ ރާއްޖެ އިސްލާމްވުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ދިވެހިންގެ މިނިވަންކަމާއި ރިވެތި އާދަކާދަތަކާއި މުއްސަނދި ސަގާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީ ވެސް މާތްވެގެންވާ އިސްލާމްދީން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"17 ނޮވެމްބަރު 2023 ގައި ގާއިމުވާ ޕީޕީއެމް/ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާއި ދިވެހީންގެ ގައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށެވެ. މި ޤައުމުގެ އިސްތިޤްލާލާއި ފަޚުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށެވެ," މުއިއްޒުގެ ބަޔާނުގައި ވިދާޅުވި އެވެ.

ރާއްޖޭގެ އިސްތިގްލާލާ ފަހުރުވެރިކަން އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް ނަގަހައްޓައިދޭނެ ކަމަށާއި ދިވެހީންގެ ރީތި އުޅުމާއި ގުޅުމާ ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަގުވާމީ މަސްރަޙުގައި އުފުލައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެ އެވެ.