ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރިމަތި ލައްވައިފި އެވެ.

އަންނަ ޑިސެމްބަރު މަހު ބާއްވާ ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާކަން ހަސަން ވަނީ މީގެ ކުރިން އިއުލާން ކުރައްވައިފަ އެވެ. މިއަދު ވަނީ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާ ފޯމު ހުށަހަޅުއްވައިފަ އެވެ.

ހަސަން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލާފައިވާ ކަމަށާއި ހުރިހާ ޑިމޮކްރެޓުންގެ ތާއީދާއި އެހީތެރިކަން ދެއްވުމަށް ހަސަން އެދިވަޑައިގެންނެވި އެވެ.

ޑިމޮކްރެޓްސްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވެ އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވައިފަ އެވެ. އަމްރުއަކީ މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިންމޭޓެވެ. އިލްޔާސް ވެސް ޕާޓީގެ ރައީސް ކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަން އެނގިފައިވެ އެވެ. އެކަމަކު، މިހާތަނަށް އައިއިރު އެކަން އިއުލާން ކުރައްވައިފައެއް ނުވެ އެވެ.

ޑިމޮކްރެޓްސްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވަލައިފަ އެވެ. އަންހެނުންނާއި ޒުވާނުންނަށް ޕާޓީގެ ތެރެއިން ގައުމީ ފެންވަރުގަ އާއި، ކޮންމެ އަތޮޅެއްގައި އަދި ކޮންމެ ސިޓީއެއްގައި މަގާމުތަކެއް ހާއްސަކުރެވިފައިވާ ކަމަށް ޑިމޮކްރެޓްސް އިން މައުލޫމާތުދެ އެވެ.