އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރިއަށް ދިޔަ އިރު ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ހާލަތު ގޯސް ކުންފުންޏަކަށް ފެނުނީ ފެނަކަ ކޯޕަރޭޝަން ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އިންތިގާލީ މަރުހަލާގެ މަސައްކަތްތަކާ ގުޅެގޮތުން ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އިންތިގާލީ މަރުހަލާގައި ސަރުކަރު ހުރިހާ ކުންފުންޏެއްގެ ހާލަތަ ބަލާފައިވާ ކަމަށެވެ. އެގޮތުން އެންމެ މާލީ ގޮތުން ވެސް އަދި ހުރިހާ ގޮތަކުން ވެސް އެންމެ ހާލަތު ގޯސް ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަން ކަމަށް އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ އިންތިގާލީ މަރުހަލާގައި ސަރުކާރު ހުރިހާ ކުންފުނިތަކަކަށް ވެސް ޒިޔާރަޔްކޮށް، ހާލަތު ބަލާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ގިނަ ކުންފުނިތައް ވެސް މަލީ ގޮތުން ދަށް ހާލަތަކަށް ވެއްޓިފައިވާ ކަމަށާއި އެހެން ނަމަވެސް އެންމެ ހާލަތު ގޯސްކޮށް އޮތީ ފެނަކަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ފެނަކަ އޮތީ ބަނގުރޫޓުވާ ހާލަތުގައި ކަމަށެވެ. އަދި މުޅި ރާއްޖެއަށް ހިދުމަތް ދެމުން އަންނަ ކުންފުންޏެއް އެހާލަތަށް ވެއްޓުނީ ތަނުގެ ވެރީން ކުރަންޖެހޭ މަސައްކަތްތައް ދޫކޮށް ސިޔާސީ މަސައްކަތްތައް ކުރަން ފެށުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޮފީހަށް ގޮސް އިށީންނާނެ ގޮނޑިއެއް ނެތް އެތައް ބަޔަކު އެބަތިބި. ކުރާނެ މަސައްކަތެއް ނެތް އެތައް ބަޔަކު އެބަތިބި. ކުންފުނީގެ މަގުސަދު ހާސިލު ކުރުމުގެ ބަދަލުގައި ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށްޓަކައި ކުންފުނީގެ ބޭނުން ހިފުމުގެ ސަބަބުން އެހާ ބޮޑަށް އެ ކުންފުނި ދަރަނިވެރިވެފައި އެ އޮތީ،" އަދުރޭ ވިދާޅުވި އެވެ.
ސަރުކާރުގެ ގިނަ ކުންފުނިތައް މާލީ ގޮތުން މިހާ ދެރަ ހާލަތަކަށް ވެއްޓުނީ މިސަރުކާރުގެ ސަބަބުން ކަމަށާ ކުންފުނިތަކަށް ސިޔާސީ ނުފޫޒު ފޯރުވާ ސިޔާސީ މަސައްކަތް ކުރުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.