އޮމާންގެ ވިސާގެ ވާހަކަ އަކީ ދާދި ފަހުން ދިވެހި ނޫސްތަކުގެ ފަލަ ސުރުޚީއިން ޖާގަ ހޯދި ވާހަކަ އެކެވެ. އޮމާނަށް ދާން ބޭނުން ދިވެހިންނަށް ދުރާލާ ވިސާ ނެގުމަކާ ނުލައި 30 ދުވަހަށް އޮމާނަށް ދެވޭނެ ކަމުގައި ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓާއި އެ ޓުވީޓު ފަހުން ފޮހެލެއްވި ވާހަކަ އެވެ. އެ ވާހަކައިގެ ދެފަރާތް ނިއުޅެމުން އައި އިރު ޚާރިޖީ ސިޔާސަތުގައި އަދުގެ ސަރުކާރުގެ އޮތް ހިސާބު ތިލަވެގެން ދިޔަ އެވެ.

އޮމާންގެ ވިސާގެ ވާހަކަ ފަހަށް ބާއްވައިފައި ފޮށި ތަންމަތި ބަނދެގެން ދާން ތައްޔާރުވެފައި އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައި ދުވަސްވަރު އޭރު ގުޅިފައި އޮތް ކޯލިޝަނުން ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން ދައްކަމުން އައި ވާހަކަތަކަށް ކުޑަކޮށް ވިސްނާލަން ޖެހެ އެވެ.

ސަރުކާރުގެ އިސް ވެރިން އޭރު ވިދާޅުވަމުން ގެންދެވީ ދިވެހި ރާއްޖޭގެ ޚާރިޖީ ގުޅުން ހީނަރުވަމުންދާ ވާހަކަ އެވެ. އިންޑިއާއާ އޮތް ގުޅުން ފަނޑުވެގެން ދިޔަ ވާހަކަ އާއި ގަތަރާއި އީރާނާ ގުޅުން ކަނޑާލި މައްސަލައަކީ މިހާރުގެ ސަރުކާރުގެ ކެމްޕޭނު ވާހަކަތަކުގެ ތެރޭގައި ވެސް ނަގާކީ ވާހަކަތަކެވެ.

ޚާރިޖީ ގުޅުން ހީނަރުވެފައި އޮތް ކަމަށް ބުނެ އަލުން އެ ގުޅުންތައް ވަރުގަދަކުރާނެ ކަމުގައި އަޑު އުފުލަމުން، އާ ސަރުކާރެއް އައި ނަމަވެސް އޭގެ ކުރީ ސަރުކާރަށް ފާޑުކިއުން އަމާޒުވި މައްސަލައަކަށް ހައްލެއް އައިސްފައެއް ނުވެ އެވެ. .

ރައީސް ޔާމީންގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް އަމާޒުވި އެންމެ ބޮޑު ފާޑުކިއުމަކަށްވި ގަތަރާއި އީރާނާ އޮތް ގުޅުން ދިވެހި ސަރުކާރުން ކަނޑާލުމުގެ ނިންމުން އައީ އޭރު ދިވެހި ސަރުކާރާ ޚާއްސަ ގުޅުންތަކެއް ބާއްވަމުން އައި ގައުމެއް ކަމުގައިވާ ސައޫދީ އަރަބިޔާއާ އެ ދެ ގައުމާ ޖެހުނު މައްސަލަ ގަނޑެއްގެ ތެރެއިންނެވެ. ސައޫދީން އެ ދެގައުމާ އެކު އަލުން ގުޅުން ދަމަހައްޓަންދެން ރައީސް ސޯލިހުގެ ސަރުކާރަށް ވެސް ކުރެވުނު އެއްކަމެއް ވެސް ނެތެވެ. އޭގެ ބަދަލުގައި ޗައިނާ މެދުވެރިއަކަށް ވެގެން ސައޫދީ އީރާނުގެ ގުޅުން އަލުން ބަދަހިވުމާ އެކު ދިވެހި ސަރުކާރުން ވެސް މިހާރު ވަނީ އީރާނާ އެކު ގުޅުން ގާއިމް ކޮށްފަ އެވެ. އެހެންކަމުން އޭރު ވެސް އަދި މިހާރު ވެސް ދިވެހި ސަރުކާރަށް ސައޫދީ އަރަބިޔާގެ ނުފޫޒު ފޯރާފައިވާ މިންވަރަށް ބަދަލެއް އައި ކަމަކަށް ނުވެ އެވެ.

އީރާނާއި ގަތަރާ އޮތް ގުޅުން ކަނޑާލުމުގެ އިތުރަށް އޭރުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް އަމާޒުވި އެންމެ ބޮޑު ފާޑުކިއުމަކަށްވީ ޗައިނާއާ މާބޮޑަށް ގާތްވެ އިންޑިއާ އާއި ޔޫރަޕްގެ ގައުމުތަކާ ދުރަށް ޖެހުނުކަމުގެ ތުހުމަތެވެ. ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ބޮޑު ވައުދުކަމުގައިވާ ހުޅުމާލޭ ބްރިޖްގެ މަޝްރޫއާ ބޯހިޔާ ވަހިކަމުގެ މަޝްރޫއުތަކަށް ޗައިނާ ސަރުކާރުން ވަރަށް ދީލަތި އެހީތެރިކަން ފޯރުކޮށް ދިނެވެ. ޗައިނާގެ އެ އެހީތެރިކަމާ އެކު އުފެދިގެން ދިޔަ ގާތް ގުޅުމުގެ ސަބަބުން ނުތަނަވަސްވި އިންޑިއާގެ ހިތް ހަމަޖައްސައިދީ އިންޑިއާ ފަސްޓު ޕޮލިސީއެއް ގެންގުޅެން ވެސް އެ ސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔަ އެވެ. އެހެނަސް ޗައިނާއާ ގާތް ގުޅުމެއް އޮތުމަކީ އިންޑިއާ އަކަށް އެއްގޮތަކަށް ވެސް ރުހެވޭ ވަރުގެ ކަމަކަށް ނުވުމުން އޭރުގެ އިދިކޮޅު ޕާޓި އަށް މަދަދުކޮށް ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް އެހީތެރިވި އެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިމުމަށް ފަހު ދެން އުފެދުނު ސަރުކާރުގައި އިންޑިއާއާ އެކު ގާތް ގުޅުމެއް އޮތެވެ. އެހެނަސް ޗައިނާއާ އެކަށޭނަ ގުޅުމެއް ނުއުފެއްދުނެވެ.

ރާއްޖޭގެ ދެ ބޯޓެއް އެރިތުރިއާގެ ބަނދަރަކަށް ވަނުމުން އެ ގައުމުގެ ސަރުކާރުން އެ ދެ ބޯޓު ހިފަހައްޓައި ފަޅުވެރިން ރަށަށް ފޮނުވާލި މައްސަލައިގައި އެރިތުރިއާ ސަރުކާރާ ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ވެސް ދިވެހި ސަރުލކާރަށް ނުލިބުނުތާ ސަރުކާރު ތަމްސީލު ކުރާނެ ބަޔަކަށް އެ ގައުމަށް ދާން ވިސާ ހޯދޭނެ މަގެއް ވެސް ސަރުކާރަށް ނުފެނުނު މައްސަލައަކީ ވެސް ނިމިގެންދާ ސަރުކާރުގެ ޚާރިޖީ ސިޔާސަތާ މެދު ސުވާލު ކުރަން ފުރުސަތު ލިބޭ ކަމެކެވެ.

ޚާރިޖީ ސިޔާސަތު ހަރުދަނާ ވެއްޖެ ކަމުގައި އަޑު އުފުއްލަވަމުން ފޮރިން މިނިސްޓަރު ޝާހިދު ކުރައްވަމުން ގެންދެވި އެންމެ މައިގަނޑު އެއް މަސައްކަތަކީ ރާއްޖޭގެ ރައޔިތުން މާރަނގަޅަށް ނުވެސް ދަންނަ ބައެއް ގައުމުތަކަށް ވިސާއާ ނުލައި ދަތުރު ކުރެވޭނެ ގޮތް ހެއްދެވިކަން އިއުލާން ކުރެއްވުމެވެ. އެފަދަ ގައުމުތަކަކީ ދިވެހިން ދާން ބޭނުން ނުވާ ގައުމުތައް ކަމުން އެ އެއްބަސްވުމުގެ މާ ބޮޑު ނަތީޖާއެއް ވަޒަން ނުކުރެވި ވަނިކޮށް ދާދި ފަހުން މިވަނީ އޮމާނުގެ ވިސާގެ މައްސަލަ ފެންމަތިވެ ފައެވެ. ދިވެހި އާއިލާއެއް އޮމާނަށް ޒިޔާރަތް ކުރުމުން އެނގުނީ އެ ގައުމުން ދިވެހި ރާއްޖެއަށް އޮން އެރައިވަލް ވިސާ ދޭން ހަމަޖައްސައިފައި ނުވާ ކަމެވެ. އެ މައްސަލަ ފެންމަތިވުމުން ފޮރިން މިނިސްޓްރީން ކުރިން ޝާއިއުކޮށްފައި އޮތް ބަޔާން ފޮހެލި އެވެ. ފަހުން އެނގުނު ގޮތުގައި އޮމާނަށް ކުރިން ވިސާ ނެގުމަކާ ނުލާ ވަދެވެނީ އީޔޫ އާއި އެމެރިކާ އާއި އޮސްޓްރޭލިއާ ފަދަ ތަނަކަށް ދާން ވިސާ ލިބިފައި ތިބޭ މީހުނަށް އެކަންޏެވެ.

އޮމާންގެ ވިސާގެ މައްސަލައަކީ ފޮރިން މިނިސްޓްރީން ރައްޔިތުންނަށް ކަންކަން އޮޅުވައިލައިގެން ނަމަވެސް ކާމިޔާބު މަސައްކަތެއް ކުރެވިއްޖެކަން ދައްކަން އުޅުނު އުޅުމުގެ ލާމަސީލު މިސާލެކެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އޮޅުން ބޮޅުން ބޮޑު ފަސް އަހަރު ނިމެނީ އެވެ. އަލަށް އަންނަ ސަރުކާރަށް އޮތީ އެ އޮޅުން ބޮޅުން ފިލުވައި އަލުން ބަލުން ފެށުމެވެ.