އިންޑިއާގެ ކުންފުންޏަކުން ރާއްޖެ އަށް ބޭސް ގެނައުމަށް އެސްޓީއޯ އިން އާ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާތީ އިންތިހާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންތިހާބީ ރައީސް އޮފީހުގެ އިންތިގާލީ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވީ އިންތިގާލީ މަރުހަލާގައި އެސްޓީއޯ އިން އިންޑިއާގެ ކުންފުންޏަކާ އެކު އާ އެގްރިމަންޓެއް ހަދާ ރާއްޖެ އަށް ބޭނުންވާ ބޭހާއި އެއާގުޅޭ ސާމާނު އެތެރެކުރުމަށް މަސައްކަތް ކުރަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެސްޓީއޯ އިން އާ އެއްބަސްވުމެއް އެކުލަވާލަން މަސައްކަތް ކުރަނީ އިންޑިއާގެ ޓެމިލް ނާޑޫގެ ކުންފުންޏަކާ އެކު އެވެ.
ފިރުޒުލް ވިދާޅުވީ އެފަދަ އެއްބަސްވުންތައް ނުހެދުމަށް ކަމާ ގުޅޭ އިދާރާތަކުން އަންގާފައިވާނެ ކަމަށާ އިންތިގާލީ މަރުހަލާގައި އެފަދަ ކަންކަން ނުކޮށް މަޑުޖައްސާލަން އިންތިހާބީ ރައީސްގެ އޮފީހުން ވެސް އަންގާފައިވާނެ ކަމަށެވެ.
މި ދަނޑިވަޅުގައި އެފަދަކަމެއް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން ނުކުރުމަށް އިންތިހާބީ ރައީސް އެދިވަޑައިގަންނަވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.
އިންތިގާލީ މަރުހަލާގައި ސަރުކާރު ކުންފުނިތަކުން ބައެއް ކަންކަން ނުކުރުމަށް އިންތިހާބީ ރައީސްގެ އޮފީހުން ވެސް މީހެ ކުރިން ވަނީ އަންގއިފަ އެވެ. ސަރުކާރުން ހަތް ކަމެއް ނުކުރުމަށް އެދި އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞޯލިހުއަށް ދަންނަވައިފަ އެވެ. އަދި ސަރުކާރު ކުންފުނިތަކުން ވެސް 10 ކަމެއް ނުކުރުމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ އަންގައިފަ އެވެ.