މި ފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށް ވައުދުވެ ވަޑައިގަންނަވަމުންނެވެ. އެއާއެކު "ޕްރޯ" ޗައިނާ ރައީސެއްގެ ގޮތުގައި ހުޅަނގާއި އިންޑިއާގެ މީޑިއާތަކުން ސިފަކުރަމުން އަންނަ މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި ޗައިނާގެ މިލިޓަރީ ބޭހެއް ނުވަތަ ޢަސްކަރީ މަރުކަޒެއް ތަރައްގީކުރަން އުޅޭކަމުގެ ވާހަކަ މިހާރު ވަނީ ގަދަވާން ފަށައިފަ އެވެ.
"ޗައިނާއިން އިންޑިއަން އޯޝަންގައި މިލިޓަރީ ބޭހެއް ގާއިމު ކުރަނީ" ކަމަށް ބުނެ ސުރުޚީ ޖަހައި، ދަ އެކްސްޕްރެސް ނޫހުގައި އިއްޔެ ޝާއިއުކުރި ބަޔާނެއްގައި ވަނީ މުއިއްޒު ރާއްޖޭގެ ރައީސްކަމާ ހަވާލުވުމާ އެކު ޗައިނާގެ ދިފާއީ މަރުކަޒެއް ރާއްޖޭގައި ހަދާނެ ކަމަށް ލަފާކޮށްފަ އެވެ. އެ ލިއުމުގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އިންޑިއާ ކަނޑުގައި ހުރި އެމެރިކާ އާއި އިނގިރޭސީންގެ ދިފާއީ މަރުކަޒު، ޑިއާގޯ ގޭސިއާގެ މަރުކަޒާއި ސީޝެލްސް އާއި މޮރިޝަސްގައި ހުރި އިންޑިއާގެ މަރުކަޒުތަކާއި ދާދި ގާތުގައި އޮތް ރާއްޖޭގައި ޗައިނާ އިން ދިފާއީ މަރުކަޒެއް ބިނާކޮށްފި ނަމަ ދުނިޔެއަށް އޮތް ނުރައްކަލުގެ ވާހަކަ އެވެ.
މުއިއްޒުގެ އިލެކްޝަން ކާމިޔާބާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ދާން ޖެހޭނެ ކަމަށް ވިދާޅުވެފައިވާ ވިދާޅުވުމާ ގުޅުވައި، އެ ލިއުމުގައި ވަނީ ޗައިނާގެ މިލިޓަރީ ރާއްޖެ އަށް ގެނައުމުގެ ފުރުސަތު ބޮޑުކަމަށް އިޝާރާތް ކޮށްފަ އެވެ. މި މޭރުމުން ލިޔުން ކުރިޔަށް ގެންދަމުން ރާއްޖޭގެ ދިފާއީ އިދާރާގެ އިސް ވެރިންނާއި "ހައި ޕްރޮފައިލް" ފަރާތްތަކާ ހަވާލާދީ ކަމަށް ބުނެ އެ ފަރާތްތަކުގެ ކަންބޮޑުވުން އެކަމުގައި އޮތް ކަމަށް ވެސް ލިޔެފައިވެ އެވެ.
ވަކި ނަމެއް ހާމަނުކޮށް ރާއްޖޭގެ ސިޔާސީ އިސް ބައެއް ފަރާތްތަކާ ހަވާލީދީ އެ ލިޔުމުގައި ވަނީ އެ ފަރާތްތަކުން ދެކޭ ގޮތުގައި ޗައިނާގެ މިލިޓަރީ ބޭހެއް ރާއްޖޭގައި ބިނާކުރުމަކީ ކުރާނެ ކަމެއް ކަމާމެދު ސުވާލެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ. އޮތް ސުވާލަކީ އެކަން ކުރާނެ ވަގުތެކެވެ.
ޗައިނާގެ މިލިޓަރީ ރާއްޖޭގައި ދިފާއީ މަރުކަޒެއް ހަދާ ވާހަކައަކީ ހަގީގަތުގައި ވަރަށް ދުވަސްވީ މުސްކުޅި ވާހަކައެކެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ނުކުތް ގުރޫޕުން، އެ ހަރަކާތަށް އިންޑިއާގެ އެހީ ހޯދުމަށްޓަކައި އެންމެ ފުރަތަމަ ވެސް ދައްކަން ފެށި އެއް ވާހަކައަކީ ރާއްޖޭގެ ބައެއް ރަށްތައް ޗައިނާ އަށް ވިއްކާލި ވާހަކަ އެވެ.
އޭރުގެ އިދިކޮޅު ހަރަކާތްތަކުގެ އިސް ވެރިޔަކަށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާ އަށް ވަޑައިގެން އިންޑިއާގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ހައެއްކަ ފަޅުރަށް ޗައިނާ އަށް ވިއްކާފައިވާ ކަމަށާއި އެ ރަށް ރަށުގައި ޗައިނާގެ މިލިޓަރީ އާލާތްތައް ގާއިމުކުރަމުން ގެންދާ ކަމަށް ވިދާޅުވެފަ އެވެ.
ޗައިނާއާ ދެކޮޅަށް އަޑުއުފުލައި އިންޑިއާގެ ރުހުން ހޯދައިގެން 2008 ވަނަ އަހަރު ވެރިކަމަށް އައި އެމްޑީޕީގެ ދައުރުގައި އިންޑިއާއާ އެކު ޚާއްސަ ގުޅުމެއް ބާއްވައި ރާއްޖޭގެ މައި އެއާޕޯޓު އިންޑިއާގެ ކުންފުންޏަކަށް ދިނެވެ. ފަހުން 2013 ވަނަ އަހަރު އައި ސަރުކާރަށް އެ އެއާޕޯޓު އަލުން އަނބުރާ ހޯދުމަށް ބޮޑު ހޭދައެއް ކުރަން ޖެހުނެވެ.
ރައީސް ޔާމީންގެ ސައރުކާރުން ޗައިނާގެ މަދަދާ އެކު ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން ދިއުމާއި އެކު ޗައިނާގެ ކޮޅަށް ރާއްޖެ ބުރަވެ، އެ ގައުމަށް ރާއްޖޭގެ ރަށްތަކެއް ދިންކަމުގެ އަޑުތައް ފެތުރުނެވެ. މާލެއާ ކައިރީގައި އޮތް ފަޅު ރަށެއް ކަމަށްވާ ފޭދޫ ފިނޮޅުގައި ޗައިނާގެ މިލިޓަރީ ބޭހެއް ހަދަމުން ގެންދާ ކަމަށް ވެސް އޭރު އަޑުފެތުރުނެވެ.
ޓޫރިސްޓު ރިސޯޓެއް ހެދުމަށްޓަކައި ޗައިނާ ކުންފުންޏަކާ ހަވާލު ކޮށްފައިވާ ފޭދޫ ފިނޮޅުގައި އާދަޔާ ޚިލާފު ބިޔަ އިމާރާތްތަކެއް ކުރަމުންދާކަން 2020 ވަނަ އަހަރު ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަމަށް ވެސް އެކްސްޕްރެސްގައި ލިޔެފައިފައިވެ އެވެ.
އިންޑިޔާއާ ގުޅުން ބޮޑު ފަސް އަހަރަށް ފަހު ރާއްޖޭގެ ވެރިކަން ބަދަލުވުމާ އެކު ހުޅަނގާއި އިންޑިއާގެ ނޫސްތަކަށް ރާއްޖެ އިން ޗައިނާގެ މިލިޓަރީ ހަރަކާތްތައް ފެންނަން ފަށައިފި އެވެ. އާ ރައީސަށް އަދި ހުވާ ވެސް ނުކުރެއްވެނީހެވެ. އެހެންކަމުން ކުރިއަށް އޮތީ އިންޑިއާ އަށް ބިރަކަށްވާ ގޮތަށް ރާއްޖޭގެ މައްޗަށް ޗައިނާ ވެރިވެފައިވާތަން ހުޅަނގާއި އިންޑިއާގެ ނޫސްވެރިންނަށް ވަރަށް "މުއުތަބަރު" ކޮށް ފެންނާނެ ފަސް އަހަރެވެ. އެކަމުގެ ކުލަވަރު މިހާރު ވެސް ފެންނަން ފަށައިފި އެވެ.