މި އަހަރު ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓް ހުށަހަޅަން ތާވަލް ކުރި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ނިންމާލައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ކޯރަމަކީ 22 މެމްބަރުންނެވެ. އެކަމަކު، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކޯރަމް ރަނގަބީލް ޖައްސަވައި ބެއްލެވުމަށް ފަހު، އެ އަދަދަށް މެމްބަރުން ހަމަނުވުން މިއަދުގެ ޖަލްސާ ނިންމަވާލެއްވި ކަން އިއުލާން ކުރެއްވި އެވެ.

މަޖިލިހުގެ ޖަލްސާއެއް ދެން އޮންނާނީ މާދަމާ އެވެ.

ސަޕްލިމަންޓްރީ ބަޖެޓުގެ އިތުރުން ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ކުރަން މަޖިލިހުގެ ޖަލްސާގައި ވަނީ އެޖެންޑާކޮށްފައެވެ.

މީގެއިތުރުން ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ވެސް ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވެއެވެ.

އަދި އަސްލަމް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލްގެ މަސައްކަތް ވެސް ކުރިއަށް ގެންދަން އެޖެންޑާކޮށްފައިވެއެވެ.

ސަރުކާރުގެ ފަރާތުން 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީބަޖެޓެއް މަޖިލީހަށް ފޮނުވީ، މިދިޔަ ބުދަ ދުވަހުއެވެ.