ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސް ކުރުމަށް އެމްޑީޕީން ތުރީ ލައިން ވިޕެއް ނެރެފި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސް ކުރަން އެމްޑީޕީން ތުރީ ލައިން ވިޕެއް ނެރުނީ މިއަދު ބޭއްވި އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމުގަ އެވެ. އެގޮތަށް ފާސް ކުރީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ބައްދަލްވުމުގައި ބައިވެރިވީ 33 މެންބަރުންނެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ހުށަހެޅި ގަރާރު ބަލައިގަނެ، އެ މަނިކުފާނަށާއި މަޖިލިސް މެންބަރުންނަށް ވަނީ ނޯޓިސް ވެސް ފޮނުވާފައިވަ އެވެ.

އެމްޑީޕީން އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން ދަނިކޮށް ނަޝީދު ވަނީ، އިތުބާރު ނެތް ކަމުގެ މައްސަލަ މި ދައުރުގައި ބަލައިގަންނަން ދަތިވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު އޭގެ ފަހުން މަޖިލީހުގެ އިދާރާއިން ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ބުނެފަ އެވެ. އެ މައްސަލައިގެ ބަހުސް އަންނަ އާދިއްތައަށް އަދި ވޯޓުލުން ހޯމަ ދުވަހަށް މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ.