ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުދާ ނަމަ އެއްބާރުލުން ނުދޭން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމައިފި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު އެވެ. މައްސަލަ ހުށަހެޅުމާ އެކު އެ މައްސަލަ މި ދައުރުގައި ކުރިއަށް ގެންދަން ދަތިވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވި ގޮތުގައި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅާފައި ވާތީ، ގަވައިދުގައި ބުނާ މުއްދަތު ދިނުމަށް ފަހު އަންނަ އެންމެ ފުރަތަމަ، ރަސްމީ ބަންދު ނޫން ދުވަހަކަށް އެ މައްސަަލަ އެޖެންޑާކުރަން ޖެހެ އެވެ.

ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މަޖިލިހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ޖަވާބުދާރީވާން އެމަނިކުފާނަށް 30 މިނެޓުގެ ފުރުސަތެއް ދިނުމަށް މަޖިލިހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ރައީސް ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލަ ފާސް ކުރަން އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ވަނީ ތުރީ ލައިން ވިޕެއް ނެރެފަ އެވެ. އެގޮތަށް ފާސް ކުރީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ބައްދަލުވުކުގައި ބައިވެރިވީ 33 މެންބަރުންނެވެ.

މީގެ އިތުރުން ނަޝީދުގެ މައްސަލަ ކުރިއަށް ނުދާ ނަމަ އެމްޑީޕީން މަޖިލީހުގެ މަސައްކަތްތަކަށް އެއްބާރުލުން ނުދިނުމާ ގުޅޭގޮތުން ވެސް މިއަދުގެ ޕީޖީ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިއަދުގެ ޕީޖީ ބައްދަލުވުމުގައި ތުރީ ލައިން ވިޕެއް ނެރެފައިވާ ކަމަށެވެ. އަދި ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނުނަގާ މަޖިލީހުގައި ކުރިއަށްދާ އެއްވެސް ކަމަކަށް އެމްޑީޕީގެ ފަރާތުން އެއްބާރުލުން ނުދޭން ވެސް މެމްބަރުން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނުނަގާ އާ ރައީސް ހުވާ ކުރެއްވުމަށް ބާއްވާ ޖަލްސާ ވެސް މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ގަދަ ބާރުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެއްވެސް ކަމެއް ނުކުރެއްވޭނެ. އެ ފުރުސަތެއް ނުދޭނަން. ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރުމުގެ ޖަލްސާ ވެސް ކުރިއަށް އެބޮތް. އެފަދަ ޖަލްސާއެއް ވެސް އަޅުގަނޑުމެންނެއް ގަބޫލެއް ނުކުރަން 29 ގެ ފަހުން ވޯޓު ނުނަގާ ބޭއްވޭނެ ކަމަކަށް،" އަސްލަމް ވިދާޅުވި އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ހުށަހެޅި ގަރާރު ބަލައިގަނެ، އެ މަނިކުފާނަށާއި މަޖިލިސް މެންބަރުންނަށް ވަނީ ނޯޓިސް ވެސް ފޮނުވައިފަ އެވެ.